14 Jan 2019, 00:41
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ހުށަހެޅުންތައް ދިރާސާ ކުރުމަށް ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު "ސަން" އަށް ވިދާޅުވީ އެ ކޮމެޓީ އެކުލަވާލީ މިރޭ ބޭއްވި އެ ޕާޓީގެ 126 ވަނަ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
ކޮމެޓީގެ ރައީސް ކަމަށް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ނައިބު ރައީސް ކަމަށް ހަމަޖައްސާފައި ވަނީ ޕާޓީގެ ކައުންސިލް މެމްބަރު އަހްމަދު އުމަރެވެ.
އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އެ ޕާޓީން ކުރިމަތިލާނީ ކޮންކޮން ދާއިރާތަކަށް ކަމަށް ކަނޑައަޅާނީ ކުރިމަތިލާފައިވާ މީހުންގެ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނޭ ކޯލިޝަނަކުންނެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ހުރިހާ ޕާޓީތަކާއި ރައީސް މައުމޫންގެ މެދުގައި ކުރިމަތިލާނެ ދާއިރާތައް ބަހާލައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެއްބަސްވެ، އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ކޯލިޝަންގެ ޕާޓީތަކުން ވަނީ ބުނެފައެވެ.
އަދި އެ އެއްބަސްވުން ވެސް ޕާޓީތަކުން ވަނީ އާންމުކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް ޕްރައިމަރީއަށް ހުޅުވާލުމުން ނިލަންދޫ ދާއިރާއަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ.