ކުރީގެ ޖެންޑާ މިނިސްޓަރު ޑރ. އާމާލް އަލީ އާއި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

ޑރ. އާމާލު އާއި ނާޒިމާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވަނީ މިރޭ އެ ޕާޓީގެ އިދާރާ މާފަންނު ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ އާމާލު އާއި ނާޒިމާއާ އެކު މިރޭ 120 މީހުން އެ ޕާޓީއަށް ސޮއިކުރި ކަމަށެވެ.

ނާޒިމާ ޖޭޕީއަށް ސޮއިކުރުމަށް ފަހު ޕާޓީގެ ލީޑަރާ ފޯމް ހަވާލުކުރަނީ --- ފޮޓޯ: ޖޭޕީ

މިރޭ ސޮއިކުރެއްވި ޑރ. އާމާލް ޖެންޑާ މިނިސްޓަރު ކަމުގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އަދި އޭގެ ފަހުން މައި ކޮލެޖުގެ ރެކްޓާކަމުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވައިފައެވެ. އެކަމަނާ ޕީއެޗްޑީ ހާސި ކުރައްވާފައި ވަނީ ޔުނިވާސިޓީ އޮފް ލަންޑަންގައި އެޑިޔުކޭޝަންގެ ދާއިރާ އިންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު ވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

މާނިއު ޖޭޕީއަށް ސޮއިކުރުމަށް ފަހު ޕާޓީގެ ލީޑަރާ ފޯމް ހަވާލުކުރަނީ --- ފޮޓޯ: ޖޭޕީ