13 Jan 2019, 23:34
ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ޕާޓީގެ މެމްބަރަކު ހުށަހެޅި މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.
ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ޕާޓީގެ މެމްބަރެއް ކަމަށްވާ ލ. ގަމަށް ނިސްބަތްވާ އަލީ އަހްމަދެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައި، ބަލަން ނިންމާފަ އެވެ.
އަލީ އަހުމަދުގެ ގާނޫނީ ވަކީލު އަލީ ޝިހާމް "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައި ވަނީ 8:15 އަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަލީ އަހުމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުން ވަކި ކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، މައުމޫން އަކީ ޕީޕީއެމްގެ ރައީސް ކަަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައިވާއިރު އެ ޕާޓީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަނީ ޕީޕީއެމް ދޫކުރައްވައި ވަޑައިގަންނަވަން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. ރައީސް ޔާމީން އަޑީގައި ހުންނަވައިގެން އުފައްދާ ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.