މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނު ފިލިޕީންސްގެ ދެމަފިރިން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މިއަދު ކ. ދިއްފުއްޓާއި މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ އެ ދެމަފިރިން މިއަދު 3:45 ގައި މާލެ ގެނެސް، ގަލޮޅު މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ. އަދި އެމީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަކީ ދިއްފުށީގައި ޗުއްޓީ ހޭދަކުރަމުން އައި ދެ މީހުން ކަމަށް އެނގިފައިވެ އެވެ.

އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:56 އެހާކަންހާ އިރު ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުން ދިއްފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.