13 Jan 2019, 22:32
އަރަބިއްޔާ ސުކޫލުގައި އަންހެން ފިރިހެން ދެ ޖިންސު ވަކިން ކިޔަވައިދޭން މިހާރު އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އަރަބިއްޔާ ސުކޫލުގައި އަންހެން އަދި ފިރިހެން ކުދިން އެއް ކުލާހެއްގައި ބައިތިއްބައިގެން ކިޔަވައިދޭތީ ބަލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ދެ ޖިންސުގެ ކުދިން އެއްކޮށްގެން ކިޔަވައިދޭނީ ބެލެނިވެރިންގެ ޝަކުވާ އައީ ހަމައެކަނި އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ފަރާތުން ކަމަށެވެ. އެހެންވެ އެކަމަށް ރިއާޔަތްކޮށް މިހާރު ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދިނުމަށް އަންގާފައިވާނެ ކަމަށް އައިޝަލު އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ޕޭރެންޓުން އެދިލެއްވި ގޮތަށް މިހާރު އަންގާފައި އޮންނާނީ ވަކިކޮށްލައިގެން. ދެ ޖިންސު ވަކިން ކުރިއަށް ގެންދިއުމަށް." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލްގައި މިއަހަރު ފެށުނުއިރު ވަނީ ދެ ޖިންސުގެ ކުދިން އެއްކޮށްގެން ކިޔަވައިދޭން ނިންމާފައެވެ. އެކަމާ ގުޅޭގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން މިއަދު ހެނދުނު ވަނީ އިހްތިޖާޖުކޮށްފައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު މިއަދު ވަނީ ސުކޫލު ކުދިންނަށް ހެނދުނުގެ ނާސްތާވެސް ދޭން ފަށާފަ އެވެ. މިނިސްޓަރީން ބުނާ ގޮތުން ކުދިންނަށް ނާސްތާ ދޭނީ ސުކޫލުން ކަނޑައަޅާ ގަޑިއެއްގައި ކްލާސް ރޫމުގަ އެވެ.
ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަކީވެސް އާ ސަރުކާރުގެ ވައުދެކެވެ. މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ތާވަލެއް ހެދިފައިވާ ކަމަށެވެ. އެގޮތުން ފެށޭ އަހަރު އެއް ދަންފަޅިއަށް ބަދަލުކުރާނީ ކޮން ސުކޫލުތަކެއްތޯ ބަލަމުންދާ ކަމަށް އައިޝަތު އަލީ ވިދާޅުވި އެވެ.