މާލޭގެ މަގުތަކުގެ ދުވާރުތައް ކައިރީގައި ހުރި ޕެލެޓްތައް ނެގުމަށް ފަހު ގޭގެ އަށް ވަނުމަށް ދުވާރުތައް ކައިރީ ހަދާ ރޭމްޕްތަކުގެ ނަމޫނާއެއް ގާއިމުކޮށް މާލޭ ސިޓީ ކައުންސިލުން ދައްކާލައިފި އެވެ.

ހެންވޭރު ޖަނަވަރީމަގުގައި ރޭމްޕެއް ހެދުމަށް ފަހު، މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، "ފަސޭހަ ކަމާ އެކު ޕޭވްމަންޓް މައްޗަށް އަރާ ފޭބުމާއި ގޭގެ އަށް ވަދެ ނުކުތުމަށް އެކްސެސް ޕޮއިންޓްތަކެއް ގާއިމު ކުރުމުގެ މަސައްކަތް" ވަނީ ފަށާފައި ކަމަށެވެ.

މާލޭގެ ގިނަ އިމާރާތްތަކުގެ ކުރިމަތީގައި ޕެލެޓްތައް ބަހައްޓާތީ ވެހިކަލްތައް ޕާކް ކުރުމަށާއި މީހުން ހިނގައި އުޅުމަށް ދަތިވާ ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ވަނީ ލިބިފަ އެވެ. އެކަމާ ގުޅިގެން މަގުތަކުން ޕެލެޓުތައް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކައުންސިލުން ރޭ ނިންމާފައި ވަނީ ކޮންމެ ދުވާރަކަށް ވެސް އެރޭ ގޮތަށް ރޭމްޕުތަކެއް ހެދުމަށް ކަމަށެވެ. އަދި ރޭމްޕުތައް ހަދާނީ ދުވާރުގެ ދިގުމިނަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ މަގުގެ ފުޅާ މިނަށް ބަލާފައި ދެކޮޅުގައި ބަހައްޓާ ގޮތަށް. ދެން މާ ދިގު މަގެއް ވިއްޔާ މެދު ތެރޭގައި ވެސް ބަހައްޓާ ގޮތަށް."

"އަޅުގަނޑުމެން މަގަށް ބަލާފައި އެގޮތަށް ހަދަނީ. މަގެއް އިނދެދާނެ ދިގު މަގެއް. އެކަމަކު ގަރާޖެއް ވެސް އިނދެދާނެ އެ މަގުގައި. އިނދެއްޖެއްޔާ އެގޮތަށް ބަލާފައި ސާވޭކޮށްފައި އަޅުގަނޑުމެން އެގޮތަށް ހަދާނީ،" އޭނާ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ، އެގޮތަށް ރޭމްޕުތައް ހަަދައިދޭނީ އެކަމަށް ބޭނުންވާ ފަރާތްތަކުން އެދުމުން، ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެ ރޭމްޕުތައް ހަދާނީ، ގާތައް ނަގުމަށް ފަހު ވެލި އަޅައި، މަގު ދުވާރާ އެއްވަރަށް އުސްކޮށްގެން ކަމަށް ވިދާޅުވި އެވެ.