ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނިގޮތުން އެ ދަތުރުފުޅަކީ ޔޫއޭއީގެ ވަލީއަހުދު ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެއީ މާދަމާ އެގައުމުގައި ބާއްވާ "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ސޯލިހުގެ އަރިހުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާ އަށެވެ.