05 Oct 2011, 00:31
ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ މުއާސަލާތީ ކުންފުނި، ދިރާގުގެ ހިއްސާ އާންމުކޮށް ގަތުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލަން އެ ކުންފުނިން ނިންމައިފި އެވެ.
ސަރުކާރު 48 ޕަސެންޓް ހިއްސާވާ، އެ ކުންފުނީގެ ޖުމްލަ ހިއްސާގެ15 ޕަސެންޓް އާންމުކޮށް ވިއްކުމުގެ، ހިއްސާގެ ބަޔާން ވެސް ވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ނެރެއްދެއްވައިފަ އެވެ.
އެ ބަޔާނުގެ ޕްރެޒެން ޓޭޝަން ހުށަހަޅުއްވައި ދެއްވަމުން ދިރާގުގެ ޑިރެކްޓަރު، ކަސްޓަމާ ސާވިސަސް އެންޑް ސޭލްސް އަލީ ރިޔާޒް ވިދާޅުވީ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާގެ ތެރެއިން 11.4 މިލިއަން ހިއްސާ މާދަމާ އިން ފެށިގެން ވިއްކަން ފަށާނެ ކަމަށާއި ހިއްސާއެއް ވިއްކާނީ 80ރ. އަށް ކަމަށެވެ. މާދަމާ އިން ފެށިގެން ހިއްސާއަށް އެދުމުގެ ފުރުސަތު ހުޅުވާލި ކަމުގައިވިޔަސް ފޯމުތައް ބަލައިގަންނަން ފައްޓާނީ މި މަހު 25ގައި ކަމަށާއި ފޯމުލުމުގެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 30ގައި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"ފޯމު ބަލައިގަތުން އަދި ފެށުނީކީ ނޫން. ސީއެމްޑީއޭގެ ގަވާއިދުގެ ދަށުން 14 ދުވަހުގެ މާޖިންއެއް ލާންޖެހޭ. އެހެން ވީމާ ހިއްސާގެ ފޯމް ބަލައިގަތުން ފެށޭނެ ދުވަހަކީ އޮކްޓޯމްބަރު 25 ވަނަ ދުވަސް. ނިމޭނީ ނޮނެމްބަރު މަހުގެ 30 ވަނަ ދުވަސް. އެހެންވީމާ ޖުމްލަކޮށް 35 ނޫނީ 36 ދުވަހުގެ މުއްދަތެއް މި އޮތީ ލިބިފައި،" ރިޔާޒް ވިދާޅުވި އެވެ.
ހިއްސާގެ އެލޮކޭޝަން ނިމި ހިއްސާ އާންމުކޮށް ހިއްސާގެ ބާޒާރުގައި ގަނެ ވިއްކަން ފެށޭނީ ޑިސެމްބަރު މަހުގެ 25 ގައި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް ހިއްސާ ގަނެވޭ ގޮތަށް ހުޅުވާލާ މި ފުރުސަތުގައި ހިއްސާ ވިއްކުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ގައުމީ ބޭންކް، ބީއެމްއެލް މެދުވެރިކޮށެވެ.
"ފޯމްތައް މާދަމާ އިން ފެށިގެން ބީއެމްއެލްގެ ހުރިހާ ބުރާންޗަކުން ލިބޭނެ. މީގެ އިތުރުން އަޅުގަނޑުމެންގެ ހެޑް އޮފީސްތަކުން ވެސް ލިބިވަޑައިގަންނަވާނެ. ފޯމްފުރުއްވާފައި އަޅުގަނޑުމެންގެ ބޭންކަށް (ބީއެމްއެލް) އަށް ލައްވަން ޖެހޭނީ،" ރިޔާޒު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލަސްގެ 52 ޕަސެންޓް ހިއްސާވާ ދިރާގުގެ ހިއްސާ ގަތުމުގައި ހިފެހެއްޓުމެއް ނެތި ބޭނުން އަދަދަކަށް ހިއްސާ ގަނެވޭނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އެގޮތަށް ހިއްސާ ގަނެވުނު ނަމަވެސް ހިއްސާ ވިކޭ މިންވަރަކުން ކަންތައްތައް ކުރާނެ އުސޫލާއި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.
ހިއްސާ ވިއްކަން ފެށުމުން އެ ކުންފުނީގައި އޮންނަ ސަރުކާރުގެ 48 ޕަސެންޓް 33 ޕަސެންޓަށް ތިރިވާނެ އެވެ .ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތް މުއާސަލާތީ ކުންފުނީގެ ހަތް ޕަސެންޓް، 40 މިލިއަން ޑޮލަރަށް ]514 މިލިއަން ރުފިޔާ[ އަށް 2009 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލަސް އަށް ވެސް ވަނީ ވިއްކާލާފަ އެވެ.
މިރޭގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ފަހު ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ވިޔަފާރި ކުރަން ބޭނުން ނުވާކަމަށާއި ބާކީ އޮތް ހިއްސާ ވެސް އާންމު ރައްޔިތުންނަށް ވިއްކަން ގަސްތުކުރައްވާ ކަމަށެވެ. ވިޔަފާރީގެ އުސޫލުން ކަންކަން ހިންގުމަކީ ވިޔަފާރީގެ ފައިދާ ބޮޑުތަނުން އިތުރުވާނެ ކަމެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެއްވެސް އެހެން ވިޔަފާރިއެއް ކުރާ، ރިސޯޓެއް ހިންގާ ބަޔަކަށް ވެސް ދިރާގަށް ފައިދާ ލިބޭ ވަރަށް ފައިދާއެއް ނުލިބޭ. މިއީ ރާއްޖޭގައި އެންމެ ފައިދާވާ ކުންފުނި. މި ކުންފުނިން ހިއްސާ ގަތުމަކީ ޗެއާމަން ވިދާޅުވި ގޮތަށް ރަނުގެ ފުރުސަތެއް،" ރައީސް ވިދާޅުވި އެވެ.
އެ ކުންފުނިން ވަނީ ހިއްސާ ގަތުމަށް އަހުލުވެރި ކުރުމަށް އަތޮޅުތަކަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ވެސް ނިންމާފަ އެވެ. ދިރާގުގެ ހިލޭ ގުޅޭ ނަމްބަރު 123 ތިނަކުންވެސް ހިއްސާއާ ގުޅޭ އާންމު މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ ވަރަށް އަވަހަށް މާލޭގައި ހިއްސާ ކަލެކްޓިން ޕޮއިންޓެއް ވެސް ގާއިމް ކުރާނެ ކަމަށެވެ.