ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ބިދޭސީން މާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ 21 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެމީހުންގެ ގައުމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ވަނީ އެމީޙުންގެ އަތުން މަސްތުވާތެކެތި ހުރި 57 ރަބަރު ޕެކެޓް ހޯދައިފަ އެވެ.

ފުލުހުން ބުނީ އެތަނުން އެކަކު ހައްޔަރު ކުރީ ރާއްޖެ އައި ތަނުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެމީހާގެ ލަގެޖު ކަސްޓަމުން ސްކޭންކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެެވެ.

އަނެއް މީހާ ހައްޔަރު ކުރީ އެމީހާ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުނެ އެވެ. އޭނާގެ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްް ހުރި 26 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މިދިޔަ ބުދަ ދުވަހު ކަސްޓަމްސް އިން ވަނީ ބަންގްލަދޭޝް އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ.

ކަސްޓަމްސް އިން ބުނީ އޭނާގެ އަތުން ފެނުނު ޕެކެޓުތަކުން 2084 އޮރެންޖު ކުލައިގެ ގުޅަ ފެނުނު ކަމަށެވެ. އަދި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން (ޔާބާ)އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.