04 Oct 2011, 18:43
"އެނާޖީ ފޯ އޯލް - ފައިނޭންސިން އެކްސެސް ފޯ ދަ ޕުއަ"ގެ ނަމުގައި ނޯވޭގެ އޮސްލޯގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގެ "އެނާޖީ ޕްލަސް ޕާޓްނާޝިޕް" ޑިކްލަރޭޝަންގައި ރާއްޖެއިން ބައިވެރިވާން ސަރުކާރުން ނިންމައިފި އެވެ.
މިކަން ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
އެނަރޖީ ޕްލަސް ޕާޓްނަރޝިޕްގައި ބައިވެރިވުމުން، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭ ހަކަތައިގެ ޚިދްމަތްތައް ލިބެންހުރި މިންވަރު އިތުރުކުރުމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ޢަދަދު މަދުކުރުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދެވޭނެކަން މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ލިބެންހުރި މިންވަރު އިތުރުކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތައް، އިތުރަށް ތަރައްޤީ ކުރުމުގެ މައްޗަށްވެސް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސްޕޯޓްސް މިނިސްޓްރީން ހުށަހެޅި "ސްޕޯޓްސް ފޯ އޯލް- ސޮލިއުޝަންސް ފޯ މާލެ (އެންޑް ބިޔޯންޑް)" މި ޝިޢާރުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޝަނަލް ސްޕޯޓްސް ޕާކްގެ ގޮތުގައި ތަރައްޤީ ކުރަން ކަނޑައަޅުއްވާފައިވާ ސަރަޙައްދުތައް ތަރައްޤީ ކުރަން ކުރަންޖެހޭނެ މަސައްކަތްތަކުގެ މައްޗަށްވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މިމަޝްރޫޢާބެހޭ މަޢްލޫމާތު، މާލޭސިޓީ ކައުންސިލަށް ދިނުމަށް ވެސް ނިންމެވިއެވެ.