އިދިކޮޅު ޕީޕީއެމުން އެކި ފަރާތްތަކަށް ދޭންޖެހޭ ދަރަނިތައް އަދާނުކުރެވިގެން އުޅެނީ އެ ޕާޓީއަށް ދައުލަތުން ލިބެން ޖެހޭ ފައިސާ ނުދީގެން ކަމަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ދޫކޮށް ޕީޕަލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އިއްޔެ ސޮއިކުރެއްވުމަށް ފަހު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޙަލީލް ވިދާޅުވީ ޕީޕީއެމްގެ ދަރަނި އަދާ ކުރުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށާއި ދައުލަތުން ދޭން ޖެހޭ ފައިސާ ދިނުމުން އެކަން ކުރެވި ދާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރި އިރު ޕީޕީއެމަށް ލިބެން ޖެހޭ ފައިސާގެ ބައެއް ހިފައްޓާފައިވާކަން ފާހަގަކޮށް ޑރ. ޙަލީލް ވިދާޅުވީ އެ ޕާޓީއަށް ލިބެން ޖެހޭ 8.5 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހިފަހައްޓާފައި ކަމަށެވެ.

"ދަރަނީގެ ގޮތުގައި މި ދައްކަވަން ޖެހެނީ 3.8 ނުނީ، 4.8 މިލިއަން ރުފިޔާ ކަން އަޅުގަނޑު ހަނދާން ވަނީ. އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ އަދަދެއް އެއީ. އެހެންވީމާ އެ ފައިސާ ކަނޑާލާފައި ނަމަވެސް ޕީޕީއެމަށް ފައިސާ ދެއްވަންވީ ނޫން ތޯ." ޑރ. ޙަލީލް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ފައިސާގެ އިތުރުން އެހެން ފަރާތްތަކަށް ވެސް ދޭން ޖެހޭ ފައިސާ ކަނޑާލުމަށް ފަހު ދެން ހުރި ފައިސާ ދިން ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން މައްސަލައެއް ޖައްސަފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަން ޑރ. ޙަލީލް ފާހަގަ ކުރެއްވި އެވެ.

"މި އަހަރުގެ ބަޖެޓުން ވެސް ގާތްގަނޑަކަށް 11 ވަރަކަށް މިލިއަން ރުފިޔާ ޕީޕީއެމަށް ލިބެން ޖެހޭނެ ހިސާބުތަކުން ދައްކާ ގޮތުގައި. އެހެން ވީމާ އޭގެ މާނައަކީ 20 މިލިއަނާ ގާތް ކުރާ އަދަދަކަށް ދައުލަތުގައި ޕީޕީއެމްގެ ފައިސާ [އެހުރީ]. އެހެންވީމާ [އެބައި] ކަނޑުއްވާފައި އެ ފައިސާ ދިނީމާ އެހުރީ ނިމިފައި،" ޑރ. ޙަލީލް ވިދާޅުވި އެވެ.

ހަގީގީ މައްސަލައަކީ ޕީޕީއެމުން ދަރަނި އަދާކުރުން ނޫން ކަމަށާއި ހަގީގީ މައްސަލަ އަކީ ޕީޕީއެމަށް ލިބެން ޖެހޭ ފައިސާ ދައުލަތުން ދޫ ނުކުރުން ކަން ޑރ. ޙަލީލް ފާހަގަ ކުރެއްވި އެވެ.

ޕީޕީއެމްއަށް ނުދެވި ހުރި ފައިސާ ހިފަހައްޓާފައި ވަނީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ހިންގުން ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިމެންދެން ކަމަށް އިލެކްޝަނުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މެމްބަރުންގެ އަދަދަށް ބަލާ ސިޔާސީ ޕާޓީތަކުގެ އިލެކްޝަން ކޮމިޝަނުން އެންމެ ގިނަ ފައިސާ ދޭ ސިޔާސީ ޕާޓީއަކީ ޕީޕީއެމް އެވެ. އެޕާޓީއަށް ލިބެން ޖެހޭ ފައިސާއަކީ 11،538،660.13 ރުފިޔާ އެވެ. އެޕާޓީއަށް ނުދީ ހިފަހައްޓާފައި ވަނީ 8،683،477.44 ރުފިޔާ އެވެ.