ކުރިޔަށް އޮތްތާގައި މާލެއާއި ހުޅުމާލޭގައި އިތުރު ސްކޫލްތަކެއް އާ ފަރުމާތަކަށް ބިނާކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ނެބާހުޑް 1 ގައި އިމާރާތް ކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލް "ހުރަވީ ސްކޫލް" ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލޭ ސަރަހައްދުގައި އާބާދީ ގިނަވަމުން ދާ އިރު އިތުރު ސްކޫލްތަކެއް ގާއިމް ކުރެވެން ޖެހޭ ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް ބޮޑެތި ކުރިއެރުންތައް ގެނައުމަށްޓަކައި އެއް ދަންފަޅިއަށް ހުރިހާ ސްކޫލެއް ބަދަލު ކުރުން. މި ސިޔާސަތު ތަންފީޒުކުރުމަށް ހުޅުމާލެއާއި މާލޭގެ އާބާދީ ގިނަވަމުންދާ ނިސްބަތުން އިތުުރު ސްކޫލްތައް މި ސަރަހައްދުތަކުގައި ގާއިމް ކުރެވެން ޖެހޭ،" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

"އެހެން ކަމުން ކުރިޔަށް އޮތް އަހަރުތަކުގައި ހުޅުމާލެއާ މާލޭގައި އާ ސްކޫލުތައް އިމާރާތް ކުރެވިގެން ދާނެ،"

މިނިސްޓަރު ވިދާޅުވީ، އެ ސްކޫލްތައް ވެގެން ދާނީ ޖާގައިގެ ގޮތުން ބޮޑުއަދި އާ ފަރުމާއަކަށް އިމާރާތް ކުރެވިގެން ދާނެ ސްކޫލްތަކެއް ކަމަށެވެ.

"ސްކޫލްތަކުގައި ދަރިވަރުންނަށް ނާސްތާ ދިނުމުގެ އިންތިޒާމް ފުރިހަމަ ކުރުމަށްޓަކައި އެެހެންޏާ ނުހުންނަ ޖާގަތައް އާ ސްކޫލުތަކުގައި ހިމެނިގެން ދާނެ. އެހެން ކަމުން އެ ސްކޫޅުތައް އެޅިގެން ދާނީ އާ ފަރުމާ އަކަށް ބިނާވާ ސްކޫލްތަކަަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި 213 ސްކޫލެއްގައި ކިޔަވައި ދެމުން ދާއިރު، 134 ސްކޫލަކީ އެއް ދަންފަޅި އަށް ކިޔަވާދެމުން އަންނަ ސްކޫލްތަކެވެ. ބާކީ ހުރި 79 ސްކޫލެއް އެއް ދަންފަޅި އަށް ބަދަލުކުރަން ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.