13 Jan 2019, 13:47
ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ދެ ވައްތަރެއްގެ ސޭވިންގްސް އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓެއް ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކައުންޓްތައް ބިނާކުރެވިފައި ވަނީ އިސްލާމިކް ބޭންކިންގް އުސޫލެއް ކަމަށްވާ ވަކާލާ އުސޫލުގެ މައްޗަށް ކަމަށެވެ. އެގޮތުން ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ ޝަރީއާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރުމަށް ފަހު އެއިން ފައިދާ ލިބުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
އަލަށް ތައާރަފު ކުރީ "ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް"އާއި "ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް" އަދި "ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް" އެވެ.
ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާ އިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރާ ހިދުމަތެކެވެ. ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގް ހިދުމަތް ދިނުމަށް ޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ. ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް އަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ޚާއްސަ ކޮށް ތައާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް އިން މިއަދު ވަނީ ތިން ވައްތަރެއްގެ އެކައުންޓެއް ތައާރަފުކޮށްފައި--
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޝަރީއާގެ ހަމަތަކަށް ފެތޭ އިތުރު ތިން ޑިޕޮސިޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތަކަށް އިތުރުކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި ބީއެމްއެލްގެ އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް ފުޅާކުރެވެމުމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިންގް އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށާއި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމަށް އެ ބޭންކުން ބުނެ އެވެ.
އޭގެ އިތުރުން އެ މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ބީއެމްލް އިން ބުނެ އެވެ.