ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 20،000ރ. ގެ ކޮމިޓީ އެލަވަންސް ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެލަވަންސް ދޫނުކުރެވޭނެ ގޮތަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރު ނެރެފައި ވަނިކޮށް، ފިނޭންސުން އެ ފައިސާ މަޖިލީހަށް ދޫކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިންނާއި އަދި ފިނޭންސް މިނިސްޓްރީން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ބަޖެޓަށް އެ ފައިސާ ޖަމާކޮށްދިނީ މިއަދު މެންދުރު 2:40 އެހާކަންހާއިރު އެވެ. އެ ފައިސާ ޖަމާކުރުމުން، މެމްބަރުންނަށް އެލަވަންސް ޖަމާކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އަހްމަދު ވިދާޅުވި އެވެ.

"މެމްބަރުންނަށް އެ ފައިސާ ދޫކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިއަދު ފަށައިފިން،" އަހްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮމިޓީ އެލަވަންސް ނުނަންގަވާނެ ކަމަށް ކުރިން އަންގަވާފައިވާ 20 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން މިހާރު ވަނީ ފައިސާ ނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ. "މިހާރު ]އެލަވަންސް[ ނަންގަވަން ބޭނުންފުޅުވާ ކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވޭ،" އަހްމަދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެހެންކަމުން، އެލަވަންސަށްވާ ފައިސާގެ ގޮތުގައި ދޫކުރީ ކިހާ އަދަދެއް ކަމާއި، އެ ފައިސާ ދޫކުރީ ކީއްވެގެން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

އެލަވަންސް ނެގުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އަދި އެލަވަންސް ދޫކުރާނީ ރައީސް ނަޝީދާ މަޝްވަރާކުރެއްވުމަށްފަހު ކަމަށް ވެސް އިނާޒް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ސެޕްޓެމްބަރު ފަހެއްގައި ފިނޭންސް މިނިސްޓްރީ ބޭރުގައި އެލަވަންސާ ދެކޮޅަށް އަޑުއުުލަމުންދިޔަ ބަޔަކާ ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، މަޖިލީހުން ބަޖެޓުކޮށްފައި އޮތުމުން އެ އެލަވަންސް ސަރުކާރަށް ނުހިފެހެއްޓޭނެ ކަމަށެވެ.

"މަޖިލީހުން ފައިސާ ނަގާނެ ވަރު މަޖިލީހުން ބަޖެޓް ކުރައްވައިފަ އޮތީ. ގާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ]އެލަވަންސް ދިނުން[ ލާޒިމްކުރީމަކާއެއް ސަރުކާރުގެ ނޯންނާނެ އެއްވެސް އިހުތިޔާރެއް އެކަން ]އެލަވަންސް ދިނުން[ ހުއްޓުވޭނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ، ފާއިތުވި ހަތް މަސް ދުވަހުގެ އެލަވަންސްގެ ގޮތުގައި 140،000ރ. ގަނޑުކޮށް ކޮންމެ މެމްބަރަކަށް ދިނުމަށެވެ. އަދި ހާޒިރީ 75 ޕަސަންޓަށް ވުރެ މަތީ މެމްބަރުންނަށް ކޮންމެ މަހަކު 20،000ރ. ދިނުމަށެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 18.5 މިލިއަން ރުފިޔާ އެވެ.

މަޖިލީހުގެ މެމްބަރުންގެ މިހާރުގެ މުސާރައަކީ 62،500ރ. އެވެ. އެލަވަންސާއެކު މުސާރަ 82،500ރ. އަށް އަރާނެ އެވެ.

މިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ ގިނަ ފަރާތްތަކުން ބުނަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިނުގަނެވިގެން އުޅެނިކޮށް އެލަވަންސަށް އެހާބޮޑު ހޭދައެއް ކުރަން ޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ސިވިލް ސާވަންޓުންގެ މުސާރައިން އުނިކުރި ބަޔާއި މަސްވެރިންގެ ސަބްސިޑީ ދައުލަތުން ހިފަހައްޓާފައިވާއިރު، އެ އެލަވަންސަށް ފައިސާ ދޫކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ވެސް ބުނެ އެވެ.