13 Jan 2019, 13:50
އަބޫޖާ (ޖެނުއަރީ 13): މާލީ ބަޔާން ހާމަ ނުކުރި ނައިޖީރިއާގެ އުއްތަމަ ފަނޑިޔާރު ވޯލްޓާ އޮނޮގެންގެ ޝަރީއަތް މާދަމާ ފަށާނެ ކަމަށް އެގައުމުގެ ކޯޑް އޮފް ކޮންޑަކްޓް ޓްރައިބިއުނަލް (ސީސީޓީ)އިން ބުނެފި އެވެ.
ސީސީޓީން ބުނި ގޮތުގައި މާލީ ބަޔާން ހާމަ ނުކުރި މައްސަލާގައި އޮނެގެންގެ މައްޗަށް ހަ ދައުވާއެއް ކުރާނެ އެވެ.
ނައިޖީރިއާގެ ގާނޫނުތަކުގައިވާ ގޮތުން، ދައުލަތުގެ އޮފިޝަލުން މަގާމާ ހަވާލުވުމުގެ ކުރިންނާއި މަގާމުން ވަކިވުމުން މާލީ ބަޔާން ހާމަ ކުރަން ޖެހޭނެ އެވެ. ސީސީޓީން އެމައްސަލަ ބަލަން ފަށާފައި ވަނީ އޮނޮގެން މަގާމާ ހަވާލުވިތާ ދެ އަހަރު ފަހުންނެވެ.
ނައިޖީރިއާގެ އިދިކޮޅު ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) އިން ވަނީ ވެރިކަން ކުރާ ޕާޓީ ފަހަތުގައި އޮވެގެން އޮނޮގެންއާ ދެކޮޅަށް އެމައްސަލަ ބަލަން ފެށީ، އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބުގެ ކުރިން އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކޮށް ގައުމުގެ ޖުޑިޝަރީއަށް ބާރު ފޯރުވުމުގެ ގޮތުން ކަމަށް ތުހުމަތުކޮށްފަ އެވެ.
ނައިޖީރިއާއިން އާ ރައީސަކު އިންތިހާބު ކުރުމަށް އަންނަ މަހުގެ 16ގައި ވޯޓު ލާނެ އެވެ. އެެއިންތިހާބުގައި މިހާރުގެ ރައީސް މުހައްމަދު ބުހާރީ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާނެ އެވެ.