ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކޮށް ބިދޭސީ ޓީޗަރުން މަދު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖޭގެ އެންމެ ބޮޑު ސްކޫލު ހުރަވީ ސްކޫލު ހުޅުވާދެއްވާ އެ ސްކޫލުގެ ހުރިހާ ޓީޗަރުންނަކީ ދިވެހިން ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، މި އަހަރު ބިދޭސީ ޓީޗަރުންގެ އަދަދު މަދުވެ ދިވެހި ޓީޗަރުންގެ އަދަދު ގިނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބޭނުންވާ ޖަޒީރާ ސްކޫލުގެ ނިޒާމަށް މުޅިން ބަދަލު ކުރުމަށް ޓަކައި މި ދާއިރާގައި ބިދޭސީން މަދުކޮށް، ދިވެހިން އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް،" ރައީސް

ރައީސް ވިދާޅުވީ ސަރުކާރު ސްކޫލުތަކުގައި މިދިޔަ އަހަރު ކިޔަވައިދިން ދިވެހި ޓީޗަރުންގެ އަދަދު 2017 ވަނަ އަހަރާ އަޅާ ބަލާ އިރު ދެ ޕަސެންޓަށް އިތުރުވި އިރު، ބިދޭސީ ޓީޗަރުންގެ އަދަދު 16 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ.

"މި އަހަރު 9،800 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވާދޭ އިރު، މި ފަރަގު މިއަށް ވުރެ ވެސް ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައިސް ވިދާޅުވީ، ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މި އަހަރު 600 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެ ކަމަށާއި އޭގެ ސަބަބުން ތައުލީމީ ދާއިރާގައި ދިވެހީންގެ ހިއްސާ ބޮޑުވެގެން ދާނެ ކަމަށެވެ. އަދި އެއީ ތައުލީމީ ދާއިރާގައި ޒުވާނުން އިތުރު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ އިތުރު ބާރެއް ކަމަށް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގެ ތަރައްގީއަށް ޓަކައި ކުރަން ޖެހިފައިވާ މަސައްކަތަކީ މީހުން ބިނާ ކުރުން. އިންސާނީ ވަސީލަތްތައް ތަރައްގީކޮށް އިތުރު ކުރުން. މި ސަރުކާރުން ރާއްޖޭގެ ތައްރައްގީއަށް ޓަކައި ކުރާނެ އެންމެ ބޮޑު އެންމެ މުހިންމު މަސައްކަތަކީ ވެސް މިއީ،" ތައުލީމަށް ސަރުކާރުން ދެއްވާ އަހައްމިޔަތުކަން ފާހަގަ ކޮށް ރައީސް ސޯލިހް ވިދާޅުވި އެވެ.