މާލޭގެ މަގުތަކުން 1000 އަށް ވުރެ ގިނަ ޕެލެޓު ނަގައި ދުވާރުތައް ކައިރީގައި މަގު އުސްކޮށްގެން ރޭމްޕު ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭގެ ގިނަ އިމާރާތްތަކުގެ ކުރިމަތީގައި ޕެލެޓްތައް ބަހައްޓާތީ ވެހިކަލްތައް ޕާކް ކުރުމަށާއި މީހުން ހިނގައި އުޅުމަށް ދަތިވާ ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ވަނީ ލިބިފަ އެވެ. އެކަމާ ގުޅިގެން މަގުތަކުން ޕެލެޓުތައް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް "ސަން" އަށް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކައުންސިލުން ރޭ ނިންމާފައި ވަނީ ކޮންމެ ދުވާރަކަށް ވެސް އެރޭ ގޮތަށް ރޭމްޕުތަކެއް ހެދުމަށް ކަމަށެވެ. އަދި ރޭމްޕުތައް ހަދާނީ ދުވާރުގެ ދިގުމިނަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ މަގުގެ ފުޅާ މިނަށް ބަލާފައި ދެކޮޅުގައި ބަހައްޓާ ގޮތަށް. ދެން މާ ދިގު މަގެއް ވިއްޔާ މެދު ތެރޭގައި ވެސް ބަހައްޓާ ގޮތަށް."

"އަޅުގަނޑުމެން މަގަށް ބަލާފައި އެގޮތަށް ހަދަނީ. މަގެއް އިނދެދާނެ ދިގު މަގެއް. އެކަމަކު ގަރާޖެއް ވެސް އިނދެދާނެ އެ މަގުގައި. އިނދެއްޖެއްޔާ އެގޮތަށް ބަލާފައި ސާވޭކޮށްފައި އަޅުގަނޑުމެން އެގޮތަށް ހަދާނީ،" އޭނާ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ، އެގޮތައް ރޭމްޕުތައް ހަަދައިދޭނީ އެކަމަށް ބޭނުންވާ ފަރާތްތަކުން އެދުމުން، ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެ ރޭމްޕުތައް ހަދާނީ، ގާތައް ނަގުމަށް ފަހު ވެލި އަޅައި، މަގު ދުވާރާ އެއްވަރަށް އުސްކޮށްގެން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފަދަ ރޭމްޕެއްގެ މިސާލެއް ޖަނަވަރީ މަގުގައި ހުންނަ ސޮނީހާޑްވެއާ ކައިރީގައި މިހާރު ހަދަމުންދާ ކަމަށެވެ.

ރޭމްޕް ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.