04 Oct 2011, 18:27
މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނެގުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެޖަމްއިއްޔާއިން މިއަދު ހުށަހެޅި ނުކުތާތައް ތިން ނުކުތާއަކަށް ފެތޭގޮތަށް ދައުވާ ހުށަހަޅާ ފޯމް އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމަށް ކޯޓުން އެ ޖަމްއިއްޔާއަށް އަންގައިފި އެވެ.
އެ މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދު ހައިކޯޓުގައި ބޭއްވި، އިޖުރާއީ އަޑުއެހުމުގައި އެ ޖަމްއިއްޔާއިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ކޯޓުން ބަލައިގެންފައިވަނީ އަހަރު ދުވަހުގެތެރޭ އާމްދަނީއަށް އެއް މިލިއަން ރުފިޔާއަށް ވުރެ މަދުން ލިބޭ ވިޔަފާރިތަކުން ޖީއެސްޓީ ދައްކަން ޖެހުމަކީ ގާނޫނު އަސާސީއިން ލިބިދޭ ހަމަހަމަކަން ގެއްލޭ ނުކުތާ އާއި ޖީއެސްޓީގެ ގާނޫނުގެ ދަށުން ޓެކްސް ނުނގޭ ގޮތަށް ކަޑައަޅާފައިވާ ބައެއް ބާވަތްތަކުން ޓެކްސް ނަގާގޮތަށް ގަވާއިދުގައި ހިމަނާފައިވާކަމަށް ބަޔާންކުރާ ނުކުތާ އަދި ޖީއެސްޓީ ނަގަން ފެށުމަށް ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރާ ދުވަހުންފެށިގެން ކަމަށް ބުނާއިރު ޖީއެސްޓީ ރަޖިސްޓްރީ ކުރަން ދީފައިވަނީ އަމަލުކުރަން ފަށާތާ އެއްމަސް ދުވަހުގެތެރޭގައިކަމަށް ބަޔާންކުރާ ނުކުތާ އެވެ.
ޖީއެސްޓީ ނެގުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން އެ މައްސަލަ ހައިކޯޓަށް ވައްދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޖީއެސްޓީގެ ގާނޫނާ އެއްގޮތަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ޖީއެސްޓީ ނަގަން ފަށާފަ އެވެ. ޖީއެސްޓީ ދައްކަން ޖެހެނީ ވޭތުވެ ދިޔަ 12 މަހުގެ އާމްދަނީ ނޫނީ ކުރިއަށް އޮތް 12 މަހުގެ ލަފާ ކުރާ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް އަރާ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތަކުން 3.5 ޕަސެންޓެވެ.
އެ ގާނޫނުގެ ދަށުން ޖީއެސްޓީ ނުދައްކާ ފަރާތްތައް ޖޫރިމަނާކޮށް، ގާނޫނީ ފިޔަވަޅު އަޅައެވެ.