13 Jan 2019, 11:55
އދ. ހަންޏާމީދޫ ސްކޫލުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުން ސްކޫލަށް ނުގެންދިޔުމަށް އެ ދެ ގްރޭޑުގެ ދަރިވަރުންގެ ބެލެނިވެރިން ނިންމައިފި އެވެ.
ހަންޏާމީދޫ ސްކޫލުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގައި ތައުލީމް ހާސިލް ކުރަމުން ދަނީ 18 ދަރިވަރުންނެވެ. އޭގެ ތެރެއިން އެއްވެސް ދަރިވަރަކު މިއަދު ސްކޫލަށް ގެންގޮސްފައެއް ނުވެ އެވެ.
"ސަން"އާ ވާހަކަ ދެއްކި ބެލެވެރިއަކު ބުނި ގޮތުގައި އެ ދެ ގްރޭޑުގެ ދަރިވަރުން ސްކޫލަށް ނުގެންދިޔުމަށް ބެލެނެވެރިން ނިންމީ އެ ރަށު ސްކޫލުގައި ގްރޭޑް ހަތަރެއް އަދި ފަހެއް އެއް ކްލާހެއްގެ ގޮތުގައި ގުޅުވާލައިގެން މަލްޓިގްރޭޑުގެ ގޮތުގައި ކިޔަވައިދޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.
އެ ބެލެނެވެރިޔާ ބުނި ގޮތުގައި، އެ ރަށުގެ ބެލެނެވެރިން ބޭނުން ވަނީ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ކްލާސްތައް ވަކި ވަކީން ނަގައިދިނުމަށެވެ. އަދި އެކަމަށް ވަކާލާތު ކުރަމުންދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ، ގްރޭޑުތައް ވަކި ކުރަން އެ ރަށުގެ ބެލެނެވެރިން މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް މިއަދާ ހަމައަށް ހައްލެއް ނުލިބޭ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ، އެ މިނިސްޓްރީގެ ޓީމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހަންޏާމީދޫއަށް ޒިޔާރަތްކޮށް، ބެލެނިވެރިންނާއި އަދި ސްކޫލާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
ހަންޏާމީދޫ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ މަލްޓިގްރޭޑުކޮށް ކިޔަވައިދިނުމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވާ ކަމަށް ބުނެ އެވެ. އަދި ދެ އުމުރެއްގެ ދަރިވަރުން މައްސުނިވުމުން އުމުރާ ނުގުޅޭ ވާހަކަ ދެއްކުމާއި ސަކަރާތް ޖެހުން ބޮޑުވެފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ.
ހަންޏާމީދޫ ސްކޫލުގައި 100 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެ އެވެ. އެ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 10 އަކާ ހަމައަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާ އިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ސްކޫލުތަކުގައި މިއަދު ދަނީ ކިޔަވައިދެމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އާ ދިރާސާ އަހަރުގައި 73 ހާހަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ.