04 Oct 2011, 20:53
ގދ. ފިޔޯރީގައި އޮތް ހާލު ދެރަ، މާބަނޑު އަންހެނަކު އެ އަތޮޅު ތިނަދޫއަށް ފުރުވައިލަން ގެންދިއުމުން އޭނާ ނާރުވައި އަތޮޅު ފެރީ ފުރައިގެން ދިޔަ ކަމަށް ބުނާ މައްސަލާގައި އިހުމާލުވެފައިވަނީ، ފިޔޯރީ ކައުންސިލުން ކަމަށް މަތި ދެކުނު ސަރަހައްދުގެ ގައުމީ އިދާރާއިން ތުހުމަތުކޮށްފި އެވެ.
މާބަނޑު މީހާ ނާރުވައި އެރަށުން ފެރީ ފުރި މައްސަލަ ކުށްވެރިކޮށް ފިރޯރީ ކައުންސިލުން ނެރުނު ނޫސްބަޔާނަށް ރައްދުދީ، މަތި ދެކުނު ސަރަހައްދުގެ ގައުމީ އިދާރާއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނަނީ، އެކަން ހިނގައިދިޔަ ގޮތް ބެލިއިރު، ފިޔޯރީ ކައުންސިލުން އަދި ސިއްހީމަރުކަޒުންވެސް ގުޅައި، ފެރީމަޑުކުރަން އެދިފަ ނުވާ ކަން އެނގިފައިވާ ކަމަށެވެ.
"ޓްރައިނާސް އިން ]އަތޮޅު ފެރީ ހިދުމަތްދޭ ފަރާތް[ މައުލޫމާތު ދިން ގޮތުގައި ކެޕްޓަންއާއި ކޮންމެވެސް މީހަކު ބައްދަލުކޮށްފައި ތިމަންނާގެ އަންހެނުން ޑޮކްޓަރަށް ދައްކަން ތިނަދޫއަށް ގެންދަން މަޑުކޮށްދިނުމަށް އެދިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ]ފިޔޯރީ[ ކައުންސިލުން ނުވަތަ ސިއްހީ މަރުކަޒުން ވެސް އެއްވެސް ޒިންމާދާރު ވެރިޔަކު އިމަޖެންސީ ކަމެއް އުޅޭ ވާހަކައެއް އަދި ފެރީ މަޑުކޮށްދިނުމަށް ވެސް އެދިފައި ނުވާ ކަމަށް ޓައިނާސްގެ ކެޕްޓަން ބުނި ކަމަށާއި، ފެރީ ފުރާ ގަޑި ޖެހި، 5:40 ވީއިރު ޝެޑިއުލްކުރެވިފައިވާ ގަޑިއަށް ފުރިކަމަށް ޓްރައިނާސް ތިނަދޫ އޮފީހުން މައުލޫމާތު ދެއެވެ،" އެނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް، ފިޔޯރީ ކައުންސިލްގެ ބަޔާނުގައި، އެ ބަލިމީހާ 5:30ގައި އެމްބިއުލަންސްގައި ޖެޓީއަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވާތީ، "ބަލިމީހާ އެފެރީން ނުގެނެވޭނެ ގޮތެއް އޮންނާނެ ކަމަށް ގަބޫލް ނުރެވޭ" ކަމަށް ވެސް މަތި ދެކުނު ގައުމީ އިދާރާއިން ބުނެ އެވެ.
ބަލިމީހަކު އިމަޖެންސީގައި ގެންދަންވެއްޖެނަމަ މީގެކުރިންވެސް އެކަމަށް ބޭނުންވާ ޓްރާންސްޕޯރޓްގެ ހިދުމަތް ގައުމީ އިދާރާއާއި ހެލްތު ކޯޕަރޭޝަން ގުޅިގެން ހަމަޖައްސައިދީފައިވާނެކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
އަދި އިމަޖެންސީގައި ބަލިމީހުން ގެނައުމަށް ހުރިހާ ރަށެއްގައި ޖައްސާ ފެރީއެއް ބޭނުންކުރުމަށް ކައުންސިލުން ދުށުމަކީ އެބަލިމީހާގެ "ބަލިހާލަތު ސީރިއަސްކަމާމެދު ސުވާލު އުފެދޭ" ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ފިޔޯރީ އިންވެސް އިމަޖެންސީ ބަލިމީހުން ގައުމީ އިދާރާގެ ލޯންޗުން ރޭގަނޑު ދަންވަރު ވެސް ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް އިމަޖެންސީކޮށް ރިފާކޮށްފައި އެބަހުރިކަން އެބަޔާނުގައި އެނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ވީމާ މިފަދަ އިމަޖެންސީ ކޭސްއެއް ކުރިމަތިވެ، އަންގަންޖެހޭ އެއްވެސް ފަރާތަކަށް ފިޔޯރީ ސިއްހީ މަރުކަޒުން އަދި ފިޔޯރީ ކައުންސިލުން އަންގާފައިނުވާތީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފިޔޯރީ ރައްޔިތުން ހޮފާވައި އޮތް ފިޔޯރީ ކައުންސިލް އިހުމާލުވެފައިވާކަން މަތި ދެކުނު ސަރަހައްދު ގައުމީ އިދާރާއިން ފާހަގަކުރަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ފިޔޯރީ ކައުންސިލް އިދާރާއިން ބުނެފައިވަނީ، މާބަނޑު އަންހެނެއް ކަމަށްވާ އެރަށު އެދުރުގޭ، ޒީނަތު ހުސައިންގެ ހާލު ދެރަވެގެން ރަށުގެ ސިއްހީ މަރުކަޒްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދޭން ޖެހޭތީ ގދ. ތިނަދޫ ހޮސްޕިޓަލަށް ފޮނުވަން ރަށުގެ ބަނދަރަށް ގެންދިޔައިރު އެ އަތޮޅު ފެރީ ފުރަން ތައްޔާރުވެފައި އޮތް ކަމަށެވެ. ނަމަވެސް މާބަނޑު، އެ މީހާއި އޭނާގެ ފިރމީހާ އާއި ދެކުދިން އަތޮޅު ފެރީއަށް ނާރުވާ ފެރީ ފުރައިގެން ދިޔަ ދިޔުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.