އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބްގައި ހެންވޭރު އުތުރުގެ ގޮނޑި ހޯދުމަށް މަސައްކަތް ފައްޓާފައިވާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ﷲގެ ރަހްމަތްފުޅާ އެކު ހެންވޭރު އުތުރުގެ ގޮނޑި ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަށް ދާއިރާގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު މީގެކުރިން ވަނީ ޝައިނީއަށް އެޕާޓީގެ ޓިކެޓުދީފައެވެ.

އެގޮތުން އޭރު ޝައިނީއަށް ދެއްވާފައިވަނީ ވެސް ހެންވޭރު އުތުރު ދާއިރާގެ ޓިކެޓެވެ. ނަމަވެސް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއާ ބައްދަލު ކުރައްވައި ކުރެއްވި ޓްވީޓެއްގެ ސަބަބުން ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ފަރާތްތަކުން ވަނީ ޝައިނީއަށް ފާޑުކިޔާފަ އެވެ.

"ގިނަ ދުވަސްތަކަކަށްފަހު މިއަދު އަދީބާ ބައްދަލުވެއްޖެ. އަދީބާ ބައްދަލުކުރީ ލޯންޗު ގޮއްވާލި ހާދިސާގައި އަޅުގަނޑު މަރާލަން އުޅުނީ ކާކުތޯ ބެލުމަށް. އަދީބުގެ ޖަވާބު ވަރަށް ރީޒަނަބްލް،" ޝައިނީ އޭރު ކުރި ޓްވީޓުގައި ބުނެފައި ވެއެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމިން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ޝައިނީ މީހާރު ދައްކަވާ ވާހަކަތައް ޕީޕީއެމް ކައުންސިލަށް ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ.