12 Jan 2019, 18:11
ބައެއް ފަންނީ ދައިރާތަކަށް ބޭނުންވާ މުވައްޒިފުން ލިބުމުގައި ދަތިކަމަށް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
މަންދު ކޮލެޖުން މިއަދު ފެށި ކެރިއާ ގައިޑަންސް ޕްރޮގްރާމްގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ސްކޫލުތަކުން އަހަރަކު 10،000 ކުދިންވަރު ނިކުންނައިރު ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުނިތަކުން ބޭނުންވާ ބައެއް ދާއިރާތަކުގެ ކުދިން ނުލިބޭކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
"އަޅުގަނޑު މިބަލަހައްޓާ ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާގެ ސަރުކާރުގެ ވުޒާރާއަކުން އައިޓީ ދާއިރާގެ ކުއްޖަކަށް އިއުލާންކޮށްފިއްޔާ އެ ބޭފުޅުން ވިދާޅުވަނީ ވަރަށް މަދޭ ނިސްބަތުން އެޕްލައިކުރާލެއް. ކީއްތޯ މިވަނީ،" މަލީހު ވިދާޅުވިއެވެ.
އައިޓީ ދާއިރާތަކުން ކުދިން ނުލިބުމުގައި އެ ކުދިންނަށް ލިބޭ މުސާރާ ކުޑަވުމުގެ މަައްސަލަ އުޅޭ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ރާއްޖޭގައި 144 ރިސޯޓް ހިންގާއިރު އެ ތަންތަނުގައި ކައްކާއިންނާއި، ސިސްޓަމް އިންޖަނިއަރުންފަދަ ފަންނީ ދާއިރާތަކުގެ މީހުން ބޭނުންވާއިރު އެފަދަ ކޮންމެ ވަޒީފާއަކަށްވެސް ގެންނަން ޖެހެނީ ބޭރު މީހުން ކަމަށެވެ. އަދި އެފަދަ ފަންނީ ދާއިރާތަކަށް ވީވަރަކުން ދިވެހިންނަށް އެފަދަ ވަޒީފާގެ ފުރުސަތު ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.