12 Jan 2019, 15:10
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަ ކުރާ ދާއިރާތައް އަދި ކަނޑައަޅާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އިއްޔެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޖޭޕީން ކޯލިޝަން އެއްބަސްވުމާ އެއްގޮތަކަށް 22 ދާއިރާއަށް ވާދަ ކުރާނެ ކަމަށެވެ.
އެކަމާ ގުޅިގެން އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވީ، ޖޭޕީން އެއްވެސް ދާއިރާއަކަށް ވާދަ ކުރަންވެސް އަދި ނުކުރަންވެސް ނިންމާފައި ނުވާ ކަމަށެވެ. އަދި ވާދަ ކުރާނޭ ދާއިރާތައްވެސް ކަނޑަނާޅާ ކަމަށެވެ. އަދި ދާއިރާތަކަށް ވާދަ ކުރާނެ މީހުން ނަގާނެ ގޮތެއްވެސް ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ޖޭޕީގެ 125 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަނީ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޖޭޕީގެ ނަމުުގައި ކުރިމަތިލުމަށް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. ސޯލިހު ވިދާޅުވީ، އަދިވެސް އެ ނިންމުން ދެމި އެބަ އޮތް ކަމަށެވެ.
"މިނިސްޓަރުގެ ވިސްނުންފުޅަކީ، އަދި ޖޭޕީގެ ވެސް ވިސްނުމަކީ އެކުގައި މަސައްކަތްކުރުން. އެހެންވެ އެ އިޝާރާތް ކުރައްވަނީ [ކޯލިޝަން އެއްބަސްވުމުގައި] އެއްބަސްވެފައިވާ ގޮތް 22 ދާއިރާ ވީމަ ކަމަށް ގަބޫލު ކުރެވެނީ،" މިނިސްޓަރު މަލީހު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ސޯލިހު ވިދާޅުވިއެވެ.
ޖޭޕީއިން ވާދަ ކުރާ ދާއިރާތައް އަދި ނިންމާފައި ނުވާ އިރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ 86 ދާއިރާއަށް ވާދަ ކުރަން ނިންމާފަ އެވެ. އެމްޑީޕީން ވާދަ ނުކުރަނީ ހަމައެކަނި ފ. ނިލަންދޫ ދާއިރާއަށެވެ.