04 Oct 2011, 17:43
ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އިދުރީސް އަބޫބަކުރު ކައުންސިލުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމުން އެ ކައުންސިލުން ހުސްވެފައިވާ ބިލެތްދޫ ދާއިރާގެ މެންބަރުކަމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ ބައި އިލެކްޝަން، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.
އިދުރީސް މެންބަރުން ކަމުންނާއި ރައީސް ކަމުން އިސްތިއުފާ ދެއްވެވީ މިދިއަ މަހުގެ 11 ވަނަ ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވެވީ އޭގެ ދުވަސްކޮޅެއްގެ ކުރިން އޭނާގެ މައްޗަށް އިތުބާރު ނެއްކަމުގެ މައްސަލައެއް ހުށަހަޅައި ނެގި ވޯޓުގައި ހަނި އަޣުލަބިއްޔަތަކުން ސަލަމާތްވެ ވަޑައިގެންފައި ވަނިކޮށެވެ.
ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފ. އަތޮޅު ކައުންސިލުން ހުސްވެފައިވާ މެންބަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރަން ނޮވެމްބަރު 19، 2011 ވާ ހޮނިހިރު ދުވަހު އިންތިހާބު ބާއްވާނެ ކަމަށެވެ. ހުސްވެފައިވާ އެ ގޮނޑިއަށް ވާދަކުރުމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ފޯމު ދޫކުރުމާއި ބަލައިގަތުން މާދަމާއިން ފެށިގެން މިމަ މަހުގެ 18 އާ ހަމައަށް ގެންދާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ފ. އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާގެ ބައި އިލެކްޝަން ނޮވެމްބަރު 19، 2011 ގައި ބާއްވާއިރު ހަމަ އެދުވަހު އއ. ހިމަންދޫ ކައުންސިލްގެ ބައި އިލެކްޝަނާއި ޏ. އަތޮޅު ކައުންސިލްގެ ފުވައްމުލަކު މެދު ދާއިރާގެ ބައި އިލެކްޝަން ބާއްވާގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.