14:30


ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން، ފޮރިން މިނިސްޓްރީގެ ކަންތައްތައް ބެއްލެވުމުގައި، މިނިސްޓަރ ޑރ. އަހްމަދު ޝަހީދުގެ އެހީތެރިކަން ލިބިވަޑައިނުގަންނަވާ ކަމަށް ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.


ނާއިބު ރައީސްމ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، ރައީސުލްހުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމަނިކުފާނާ، މައިގަނޑު ހަތަރުކަމެއް ހަވާލު ކުރައްވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްކަމަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އެ މިނިސްޓްރީގެ ދަށުގައިހުރި ތަންތަން ހިނގާ ނުހިނގާގޮތް ބެއްލެވުން ކަމަށާއި، ނަމަވެސް އެ މަސައްކަތަށް ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދުގެ އެހީތެރިކަން އެކަށީގެންވާގޮތަށް ލިބިވަޑައިގަންނަވަމުން ނުދާ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ. އަދި އެވާހަކަ ރައީސް ނަޝީދަށް ދެންނެވި ނަމަވެސް  އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.


ޑރ. ވަހީދު އަދި ވިދާޅުވީ، ސަރުކާރުގައި އެމަނިކުފާނު ހުންނެވިހާ ދުވަހަކު، ސަރުކާރުން ކުރާ ރަނގަޅު ކަންތަކާ ނުރަނގަޅު ކަންތައްތަކުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ރަނގަޅު ކުރެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، ދައްކަންޖެހޭ ވާހަކައެއް ދައްކަވާނެ ކަމަށާއި، އެކަމާ ގުޅިގެން އެކްޓިވިސްޓުން ކަންބޮޑުވިއަސް މައްސަލައެއްނެތް ކަމަށް ވެސް ވިދާޅުވި އެވެ.


ނާއިބު ރައީސް ކަމުގެ މަގާމަކީ، ވަޒީފާ ލިބިވަޑައިނުގަންނަވައިގެން، ބަޔަކަށް އާދޭސްކުރައްވައިގެން އެމްޑީޕީ ކައިރިއަށްވަޑައިގެން ހޯއްދެވި ވަޒީފާ އެއް ނޫން ކަމަށާއި، އެވަޒީފާ ލިބިވަޑައިގެންނެވީ ރައްޔިތުން ދެއްވައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އެތެރެއިން ނުވަދަ އެމްޑީޕީން ނުވަތަ އެމްޑީޕީގެ އެކްޓިވިސްޓުންގެ ޕްރެޝަރުން، ނާއިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުން އިންތިހާބު ކޮށްފާއިވާ ބޭފުޅަކަށް ވާތީ އެމަނިކުފާނު މަގާމުން ވަކި ކުރެއްވޭނީ ވެސް ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރަން އޮންނަ އުސޫލުން ކަމަށް ވެސް ވިދާޅުވި އެވެ.