12 Jan 2019, 13:40
ވީނުވީއެއް ނޭނގި ގެއްލިފައިވާ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލުވާންއަށްވީ ގޮތް އެނގޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ހުސްނުއް ސުއޫދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލުވާން ގެއްލިގެން އޭގެ ހަގީގަތް ހޯދުމަށް 14 އޮގަސްޓް 2014 ވަނަ އަހަރު ކުރި ބޮޑު މުޒާހަރާގައި އަޅުގަނޑުމެން އެހި ސުވާލުތަކުގެ ޖަވާބު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ރިލުވާން ގެއްލުނީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ.
ރިލްވާން ގަދަކަމުން ކާރަކަށް އެރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކޯޓުގައި ކުރި ދައުވާތައް ސާބިތުވެފައެއް ނުވެ އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަނެއް އުފެއްދީ މިދިޔަ ނޮވެމްބަރު މަހު އެވެ.
އަނިޔާވެރި ރަހުމް ކުޑަގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު އުނގޫފަރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝިމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދު އަދި ރިލްވާންގެ މައްސަލައިގައި ގުޅުން އެބަހުރި ކަމަށް ވެސް ދާދިފަހުން މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެ ކޮމިޓީން ތަހުގީގު ކުރާނީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކި އެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައް ކަމަށް ރައީސް އޮފީހުން ބުންޏެވެ.