12 Jan 2019, 13:20
ހަމުގެ ކުލަ އަލި ކުރުމަށް ބޭނުން ކުރާ ކްރީމްތަކާއި އެހެނިހެން ޕްރޮޑްކްޓުތައް ބޭނުންކުރުން އެފްރިކާގެ ގައުމެއް ކަމަށްވާ ރްވާންޑާގައި މަނާ ކޮށްފި އެވެ.
އިރުމަތީ އެފްރިކާގައި އޮންނަ ރްވާންޑާއިން އެފަދަ ޕްރޮޑަކްޓުތައް ބޭނުން ކުރުން މަނާކޮށްފައިވާ އިރު އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުން ދަނީ އެފަދަ ޕްރޮޑަކްޓުތައް ބާޒާރުން ނެގުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ސީއެއެންއެންއަށް މައުލޫމާތު ދެމުން، ރްވާންޑާ ސްޓޭންޑާޑްސް ބޯޑުގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް އޮފިސަރު ސިމިއޯން ވިޒެރާ ވިދާޅުވީ، އެފަދަ ޕްރޮޑަކްޓުތައް ތަންފީޒު ކުރަނީ އެގައުމުގެ ފޫޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހެލްތް މިނިސްޓްރީން ކަމަށެވެ.
ރްވާންޑާގެ ރައީސް ޕޯލް ކަގަމޭވެސް ވަނީ ހަމުގެ ކުލަ އަލި ކުރުމަށް ބޭނުން ކުރާ ޕްރޮޑަކްޓުތަކާ ދެކޮޅަށް މީސް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެ ތަކެއްޗަކީ ސިއްހަތަށް ނުރަނގަޅުވުމުގެ އިތުރުން އެހެނިހެން ގޮތް ގޮތުން ވެސް ގެއްލުންދެނިވި ތަކެތި ކަމަށެވެ.
Quite unhealthy among other things. Includes use of prohibited chemicals. MoH and RNP need to reign this in very quickly...!https://t.co/zRvJRa8Dcq
— Paul Kagame (@PaulKagame)November 25, 2018
އދ.ގެ ސިއްހަތާ ބެހޭ ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުން، ހަމުގެ ކުލަ އަލި ކުރުމަށް ބޭނުން ކުރާ ޕްރޮޑަކްޓުތަކުގައި ހުންނަ މާކިއުރީއާއި ހައިޑްރޯކުއިނޯން އަކީ، ލިވާއަށް ގެއްލުންދިނުމުގެ އިތުރުން ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރާ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ކުރާ މާއްދާތަކެއް ކަމަށެވެ. އަދި އެ ތަކެތިން ޑިޕްރެޝަންއާއި އެންޒައިޓީއަށް މަގުފަހި ކުރުވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
އެފްރިކާގެ ގައުމުތަކުގައި ހަމުގެ ކުލަ އަލި ކުރާ ޕްރޮޑަކްޓުތައް ބޭނުން ކުރުމަކީ އާންމު ކަމެކެވެ. ޑްބްލިއުއެޗްއޯގެ ރިޕޯޓަކުން ދައްކާ ގޮތުގައި ނައިޖީރިއާގެ އަންހެނުންގެ ތެރެއިން 77 ޕަސެންޓު އަންހެނުން، މާލީގެ 25 ޕަސެންޓު އަންހެނުން އަދި ޓޯގޯގެ 59 ޕަސެންޓު އަންހެނުން އެފަދަ ޕްރޮޑަކްޓުތައް ބޭނުން ކުރެ އެވެ.