ޑީއާރްޕީގެ ތިން މެންބަރުން ތިއްބަވާ ފުުވައްމުލަކު ދަޑިމަގު ރަށު ކައުންސިލުގެ ރައީސް އަހްމަދު ނަޖާހު އިބްރާހިމްގެ މައްޗަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި ނަޖާހުގެ އިތުބާރު ނެތްކަމަށް ކައުންސިލްގައި ހިމެނޭ އަނެއް ދެ މެންބަރުން ވޯޓު ދީފައިވާތީ، އެ ދެމެމްބަރުންނާ މެދު ފިޔަވަޅު އަޅަން ކައުންސިލަށް ފޮނުވުމަށް ޑީއާރްޕީން ނިންމައިފި އެވެ.

ޑީއާރްޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ދަޑިމަގު ކައުންސިލްގައި ހިމެނޭ ހުސައިން އިހްސާނާއި މުހަންމަދު ފާރިޝްއާ މެދު ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވަނީ ނަޖާހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ ޕާޓީން އަންގާފައިވާ ގޮތާ ހިލާފަށް ކަމަށް ވާތީ ކަމަށެވެ. އަދިޑިސިޕްލިނަރީ ފިޔަވަޅު އެޅުމުގެ މައްސަލަ ދެން އެންމެ އަވަހަށް އޮންނަ ޑީއާރުޕީގެ ކައުންސިލު ބައްދަލުވުމަކަށް ހުށަހަޅާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޑީީއާރުޕީގެ މެމްބަރުންކަމަށްވާ ހުސައިން އިހްސާން އާއި މުޙަންމަދު ފާރީޝްއަށް އެކަމުގައި އަމަލު ކުރަންވީ އުސޫލް ލިޔުމުން އަންގާފައިވަނިކޮށް، ޑީއާރުޕީ އިން އަންގާފައިވާ ގޮތާ ޚިލާފަށް އަމަލު ކުރައްވައި، 30 ސެޕްޓެމްބަރު 2011 ދުވަހު ފުވައްމުލަކު ދަޑިމަގު ރަށު ކައުންސިލްގެ ރައީސް އަހްމަދު ނަޖާހް އިބްރާހީމް ގެ މައްޗަށް އިތުބާރުނެތް ކަމަށް ހުސައިން އިހްސާން އާއި މުޙަންމަދު ފާރީޝް ވޯޓް ދެއްވާފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ." ޑީއާރްޕީގެ ބަޔާނުގައިވެ އެވެ.

ޑީއާރްޕީން މިދިޔަ މަހުގެ 25 ވަނަ ދުވަހު އިހުސާނާއި ފާރިޝަށް ފޮނުވި ސިޓީގައި އެދިފައިވަނީ، ނަޖާހުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަ ނުވަތަ ގާނޫނާ ހިލާފުވެފައިވާ މައްސަލަ އެކަމާ ގުޅޭ އިދާރާއަކަށް ހުށަހަޅެމަށެވެ. ނުވަތަ އެ މައްސަލަ ޑީއާރްޕީގެ އޮފީހަށް ހުށަހެޅުމަށެވެ. އަދި ޕާޓީ އޮފީހުން އެކަން ބަލައި ގޮތެއް ނިންމުމުގެ ކުރިން ކައުންސިލް މެމްބަރުން އެކަމާ މެދު ގޮތެއް ނިންމުމަކީ ޕާޓީގެ މަސްލަހަތަށް ބުރޫ އަރާނެ ކަމެއް ކަމަށް ފެންނާތީ، އެނޫން ގޮތަކަށް އަމަލު ނުކުރުމަށް ވެސް އަންގާފައިވެ އެވެ.

ނަމަވެސް، ސެޕްޓެމްބަރު 25 ގައި ނަޖާހުގެ މައްޗަށް ފުރަތަމަ ފަހަރަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްފަހު އެކަމާ މެދު ފުވައްމުލަކު އަތޮޅު ކައުންސިލުން ސުވާލުއުފެއްދުމުން، އަނެއްކާވެސް ވަނީ އޭގެ ފަސް ދުވަސް ފަހުން ދެވަނަ ފަހަރަށް ނަޖާހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، މަގާމުން ދުރުކޮށްފަ އެވެ.

ރައީސް ކަމުން ނަޖާހު ވަކި ކުރުމަށް ނެރުނު ފުރަތަމަ ގަރާރުގައި ބުނަނީ "އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނޫގެ 24 ވަނަ މާއްދާގެ (ފ) އާއި ޚިލާފަށް ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ބިންތަށް ދޫކުރުމާއި، ކައުންސިލްގެ ފައިސާ ގަވާއިދާ ޚިލާފަށް ހަރަދު ކުރުމުގެ އިތުރަށް ދަޑިމަގު ކައުންސިލްގެ އަގުވައްޓާލުމަށް ދޮގު ވާހަކަތައް ދައްކަވައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ވާހަކަ ދައްކަވަމުން ގެންދާތީ މިކަން އިސްލާހުކުރުމަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުތުމުން ދަޑިމަގު ކައުންސިލްގެ ރައިސްކަމުން ވަކިކުރުމަށް ކައުންސިލްގެ ދެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމައި މި ގަރާރު އާއްމުކުރީ" ކަމަށެވެ.

ނަމަވެސް، ނަޖާހު ވިދާޅުވާ ގޮތުގައި އެ ވޯޓު ނެގީ އަނެއް ދެ މެމްބަރުން ޕީޕީއެމްއަށް ސަޕޯޓްކުރައްވާތީ އެވެ.