ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ އޭ ކެޓަގަރީން ގޯއްޗާއި ބޯހި ހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެތަންތަން ލިބޭނެކަމުގެ ޔަޤީންކަން އަންނަ ހަފުތާގައި ދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހު މިއަދު ނެރުނު ދެންނެވުމެއްގައި ބުނަނީ އަންނަ ހަފުތާގައި ބީ ކެޓަގަރީ އާއި ސީ ކެޓަގަރީގެ ފޯމުތަކުގެ މަސައްކަތް ވެސް ފަށާނެ ކަމަށާއި ބޯހިޔާވަހިކަން ހޯދައިދިނުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބަލައިގަތް 19,900 އަށްވުރެ ގިނަ ފޯމްގެ މައުލޫމާތުތައް އެންޓާ ކުރަމުން އަންނަ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީ އޭ ކެޓަގަރީގައި މާލެއިން ކުދި ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ނިސްބަތްވާ ކެޓަގަރީގެ ފޯމްތައް އެންޓަކޮށް ނިމިފައިވާ ކަމަށެވެ.

"... މިފަރާތްތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ 250 ގޯތި، ހުޅުމާލެއިން ފާހަގަކޮށް، ލޭންޑް ޔޫސް ޕްލޭން ވަނީ ނިމިފައެވެ. ހުޅުމާލޭގައާއި މާލޭގައި ފްލެޓް އެޅުމުގެ މަސައްކަތް ޢަމަލީގޮތުން ފެށިފައިވާތީ، އެ ކެޓަގަރީއަށް ހުޅުމާލެއިން ބޭނުންވާ 250 ފްލެޓާއި، މާލެއިން ބޭނުންވާ 500 ފްލެޓް މާލަސްތަކެއްނުވެ، އިމާރާތްކޮށް ނިމޭނެއެވެ،" އެ ދެންނެވުމުގައި ވެއެވެ.

ރައީސް އޮފީހުން ބުނީ ވެށިފަހި ޕްރޮގްރާމްގެ ސްޓިއަރިންގ ކޮމިޓީން ނިންމާފައިވާ ގޮތަށް ފޯމުތައް ދިރާސާކުރާއިރު، އެކަން ހިނގާ ނުހިނގާގޮތް ބެލުމަށް ހަމަޖައްސަންޖެހޭ އޯވަސައިޓް ކޮމިޓީއަށް ރައްޔިތުންގެ ތެރެއިން ހޮވާ ދެ މެންބަރުންނަށް ހ. ރީނދޫ ކޮކާ، ޙުސައިންމަނިކާއި މއ.ރެޑްރޯސް ހުޅަނގުބައި މުޙަންމަދު ޢަފީފު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ހިމެނެނީ ފިނޭންސް މިނިސްޓްރީގެ ފާތުމަތު ނުޒުހާ އާއި ހައުސިން މިނިސްޓްރީ އަކްރަމް ކަމާލުއްދީނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެސިސްޓަންޓް ކޮމިޝަނާ މުޙައްމަދު ސާދިޤާއި ރައީސް އޮފީހުގެ ޝުޢައިބު ޢަލީ އާއި މާލޭ ސިޓީ ކައުންސިލުން ހޮވާ ބޭފުޅެކެވެ.