04 Oct 2011, 16:21
މިމަހުގެ 15 ވަނަ ދުވަހު ފަށާ ޤައުމީ މުބާރާތުގައި ވިކްޓަރީ ބަލިކޮށް ސެމީއަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވީބީ ކޯޗް ޖޭން ވަންލީ ބުނެފިއެވެ.
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި މެޗެއް ނުކުޅެ މުބާރާތުގެ ސެމީފައިނަލަށް ޓީމް ދަތުރު ކުރިކަމުގައި ވިޔަސް، ވަންލީ ބުނީ، ޤައުމީ މުބާރާތަކީ ވީބީއަށް މުހިންމު މުބާރާތަކަށާއި ފުރަތަމަ މެޗުގައި ވިކްޓަރީއާ ދެކޮޅަށް ނުކުންނާނީ މެޗް ކާމިޔާބު ކުރުމުގެ ފުރިހަމަ އުންމީދުގައި ކަމަށެވެ.
"ޤައުމީ މުބާރާތަކީ ޓީމަށް މުހިންމު މުބާރާތެއް. ހަމަ އެގޮތަށް މިސީޒަނަކީ ވެސް ވީބީއަށް ކާމިޔާބު ސީޒަނެކޭ ބުނެވިދާނެ. ވީބީ އޮތީ ޤައުމީ މުބާރާތް ވެސް ކާމިޔާބު ކުރުމުގެ އުންމީދުގައި،" ހުސްވި އަހަރުވެސް މުބާރާތުގެ ތަށި ވީބީއަށް ކާމިޔާބު ކޮށްދިން ވަންލީ ބުންޏެވެ.
ވަންލީ ބުނީ، ވިކްޓަރީއާ ދެކޮޅަށް ޤައުމީ މުބާރާތުގެ ފުރަތަމަ މެޗަށް ޓީމް ނުކުންނައިރު، ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ޕްރެކްޓިހުގައި މިހާރު ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އުފާވާ ކަމަށެވެ. އަދި ވިކްޓަރީ މެޗަށް އޭނަ ނުކުންނާނީ މޮޅު ކުޅުމެއް ދެކުމުގެ އަޒުމުގައި ކަމަށް ވެސް ވަންލީ ބުންޏެވެ.
"އަޝްފާގުގެ ކުޅުން މިހާރު ވަރަށް ރަގަނޅު. ފަރިތަކުރުންތަކުގައި ވެސް އޭނަ ބައިވެރިވޭ. އޭނަ މިހާރު ދައްކާ ކުޅުމަކީ މޮޅު ކުޅުމެއް. އިމްރާން ފިޔަވައި އެހެން އެއްވެސް ކުޅުންތެރިއަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވޭ. ވިކްޓަރީއާ ދެކޮޅަށް ނުކުންނަ ސްކޮޑަކީ މިވަގުތު ޓީމުގައި އޮތް އެންމެ ވަރުގަ ސްކޮޑް" ވަންލީ ބުންޏެވެ.
މުބާރަތުގެ ދެ ވަނަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ބައްދަލުކުރާ ދެޓީމަކީ ނިއުއާއި މާޒިޔާ އެވެ.