10 Jan 2019, 23:53
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ހުރިހާ ވަޒީރުންގެމާލީ ބަޔާންރައީސް އޮފީހުގެ ވެބްސައިޓްގައި އާންމު ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާން ހާމަކުރައްވާފައި ވަނީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރަމުން ދާނެއެވެ.
ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތަކުގެ ލަފާ ހޯދަމުން ގެންދާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ވޭތުވެދިޔަ ހަ މަސްދުވަހު ލިބިވަޑައިގެންފައިވަނީ މުސާރައިގެ ގޮތުގައި 1.5 މިލިއަން ރުފިޔާ އެވެ. އަދި މިލްކިއްޔާތުގައި ވަނީ އެމަނިކުފާނުގެ ގެ ކޮޅު ޅ. ހިންނަވަރު ނޫރާނީ ގެ އެވެ. ވޭތުވެދިޔަ ހަ މަސްދުވަހު އެމަނިކުފާނުގެ އެއްވެސް ދަރަންޏެއް ނެތެވެ.
- ނައިބް ރައީސް ފައިސަލް ނަސީމްއަށް ވޭތުވެދިޔަ ހަ މަސް ދުވަހު މުސާރައިގެ ގޮތުގައި ލިބިލައްވާފައިވަނީ 1.7 މިލިއަން ރުފިޔާ އެވެ. އަދި ފުވައްމުލަކުގައި ގޯއްޗެއްގެ އިތުރުން ހުޅުމާލޭގައި ހުންނަ ދެ ފްލެޓާއި ދެ ކާރުގެ އިތުރުން ހަ ސައިކަލުގެ އަގުގެ ގޮތުގައި ވަނީ 17.5 މިލިއަން ރުފިޔާ ހިމަނާފަ އެވެ.
- ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަށް އާމްދަނީގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭނާގެ މިލްކިއްޔާތުގައި އިނގިރޭސި ވިލާތުގައި ގެ އެއްގެ އިތުރުން މަޒްޑާ ޑެމިއޯ ކާރެއް އޮވެއެވެ. ނަމަވެސް އޭގެ އަގެއް ހިމަނާފައެއް ނުވެ އެވެ.
- ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވޭތުވެދިޔަ ހަ މަސް ދުވަހު އާމްދަނީއެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް މާލިބަޔާނުން އެގެން އޮންނައިރު މިލްކިއްޔާތުގައި ހުޅުމާލޭގެ އަމީން އެވެނިއު އިން 2.5 މިލިއަން ރުފިޔާގެ އެޕާޓްމެންޓަކާއި 50 ހާސް ރުފިޔާގެ ސައިކަލެއް އިދެ އެވެ.
- ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 150،000 ރުފިޔާ އެވެ. އަދި މިލްކިއްޔާތުގައި ހުޅުމާލޭގައި ހުންނަ ގޭ ގެ އަގު 5.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ ހިމަނާފަ އެވެ.
- ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވިޔަފާރީގެ ފައިދާގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ލިބިފައިވާއިރު މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތް ކަމަށް ވަނީ ހިމަނާފަ އެވެ.
- ޓްރާންސްޕޯޓް މިނިސްޓަރު އަދި ވިޔަފާރީ ވެރިޔާ ގާސިމް އިބްރާހިމްގެ ހަނގު އަނބިކަބަލުން އައިޝަތު ނަހުލާއަށް ވޭތުވެދިޔަ ހަ މަސް ދުވަހު މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެސްޓީއޯގެ ހިއްސާއިން ލިބުނު 2443.40 ރުފިޔާ އެކެންޏެވެ. އަދި މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް މާލީ ބަޔާނުގައި ވަނީ ހިމަނާފަ އެވެ.