މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އައިޝަތު އާނިޔާ މިއަދު ހެނދުނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ދާދިފަހުން އާނިޔާ މީސް މީޑިއާގައި ބުނެފައި ވަނީ މާލޭގައި އިމާރާތްކުރަމުންދާ ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑު ހުތުރު ކަމަށާއި އެ މިސްކިތުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރީތި މަންޒަރު ފެނުމަށް އޭނާ އަށް ހުރަސްއެޅޭ ކަމަށެވެ. އާނިޔާގެ އެ ވާހަކައާ ގުޅިގެން މީސް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި އޭނާއަށް ތަފާތު އެކި އިންޒާރުތައް ވެސް ވަނީ ދީފަ އެވެ.

ފުލުހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ހިންގާ ބައެއް މުއާމަލާތްތަކުގައި ރައްޔިތުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި މަސްލަހަތަށް ބުރޫ އަރާ ފަދަ ބަސް މަގު ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ ބައެއް މުއާމަލާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށް ހިތްވަރު ލިބޭ ފަދަ ބަސްމަގު ބޭނުންކުރާ ކަމަށެވެ.

އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށާއި ދީނުގެ އުސޫލުތަކަށާއި ޝިއާރުތަކަށް ފާޑުކިޔާ ފަރާތްތަކަށާއި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އިންޒާރުދީ ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެފަދަ ކަމަކާ ގުޅިގެން މީހެއްގެ ނަފްސަށް އިންޒާރެއް އައިސްފައިވާ ނަމަ އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މީސް މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލުކުރުން އިތުރުވުމާ ގުޅިގެން އެކަންކަން ކުރާކަމަށް ފާހަގަކުރެވޭ ބައެއް ފަރާތްތަކާ ފުލުހުން ބައްދަލު ކުރަމުންދާ ކަމަށެވެ. ފުލުހުން ވަނީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ރައްޔިތުންގެ މަސްލަހަތާއި، ފަރުދީ ރައްކާތެރިކަމަށް ހުރަސް އެޅޭ ކަންކަން ހިންގަން ގޮވާލާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.