ވޮޝިންގޓަން (އޮކްޓޯބަރ 4) : ސެޕްޓެމްބަރ 11 ގެ ޙަމަލާތައްފަދަ ޙަމަލާތަކެއް އެމެރިކާއަށް ދިނުމަކީ ދެން އަލްޤާޢިދާއަށް ކުރަން ވަރަށްދަތިވާނެ ކަމެއްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެވެ.

ޔާހޫ ޑޮޓް ކޮމް އަށާއި އޭ.ބީ.ސީ އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުތެރޭގައި އެމެރިކާއިން އަލްޤާޢިދާއަށްދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އެޖަމާޢަތް ބަލިކަށިވެފައިވާ ކަމަށާއި ސެޕްޓެމްބަރ 11 ގެ ޙަމަލާތައްފަދަ ޙަމަލާތަކެއް ދެން އެމެރިކާއަށް ދެވޭފަދަ ވަރުގަދަ ލީޑަރުން އަލްޤާޢިދާގައި ތިބިހެން ހީނުވާ ކަމަށެވެ. ނަމަވެސް އަލްޤާޢިދާގެ ނުރައްކާ އަދިވެސް އެމެރިކާއަށް އޮތްކަމަށް އޮބާމާ ވިދާޅުވިއެވެ.

ސެޕްޓެމްބަރ 11 ގެ ޙަމަލާތައް އެމެރިކާއަށްދިނީ އަލްޤާއިދާކަމަށް އެމެރިކާ ބުނިނަމަވެސް ދުނިޔޭގެ ވަރަށް ގިނަބަޔަކު މިވާހަކަ ޤަބޫލެއްނުކުރެއެވެ. އަދި އެޙަމަލާތަކަކީ ދުރުމުއްދަތެއްގެ ސިޔާސީ އަދި އިޤްތިސާދީ ސްޓްރެޓީޖިކް ލަނޑުދަނޑިތަކެއް ޙާސިލް ކުރުމަށް މަގުފަހިކުރުމަށްޓަކައި އެމެރިކާގެ ޖާސޫސީ ރޭވުންތެރިން އަޑީގައި ތިބެގެން ޚުދު އެމެރިކާ އަމިއްލައަށް ދިންޙަމަލާތަކެއް ކަމަށް ބައެއް ފަރާތްތަކުން ޝައްކު ކުރެއެވެ.

މިދިޔަ މޭމަހު، އަލްޤާޢިދާގެ ލީޑަރު އުސާމާ ބިންލާދިން ލާދިން އަވަހާރަކޮށްލި ކަމަށް އެމެރިކާ ބުނިނަމަވެސް އޭގެކުރިން އޭނާ އަވަހާރަވެފައިވާ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)