10 Jan 2019, 17:24
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލާން ރެޖިސްޓްރީ ކުރިތަނަށް އަލުން ރީ ރެޖިސްޓްރީ ނުކޮށް މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަނަށް މަޖިލިސް އިންތިހާބުގައި ވޯޓު ލާން ރި ރެޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގައި ވޯޓުލީތަން ނޫން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރި ރެޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. މަޖިލިސް އިންތިހާބަށް ރި ރެޖިސްޓްރީ ކުރަން ހުޅުވާލަން ނިންމާފައިވަނީ ފެށޭ މަހުގެ 23 ގަ އެވެ.
މިފަހަރުގެ އިންތިހާބުގައިވެސް ހަތް ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި ނަމަވެސް ފޮށި ބަހައްޓާނީ ގިނަވެގެން 150 މީހުން ރެޖިސްޓްރީ ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކުގައި ރެޖިސްޓްރީ ކޮށްފި ނަމަ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ހިލާފަށް މަޖިލިސް އިންތިހާބުގައި ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި 50 މީހުން ރެޖިސްޓްރީކޮށްފި ނަމަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތާރީހަކީ ފެބުރުއަރީ 10 އެކެވެ.
މަޖިލިސް އިންތިހާބު އޮންނާނެ ތާރީހެއް ކަމަށް އިލެކްޝަނުން ބުނެފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
އިލެކްޝަނުން މިއަދު ބުނީ ޕާޓީތަކުގެ ޕްރައިމެރީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ނިންމައި ނަތީޖާ 27 ވަނަ ދުވަހު އިލެކްޝަންސްއަށް އަންގަން ޕާޓީތަކަށް އަންގާފައިވާ ކަމަށެވެ. ޕްރައިމެރީ ބާއްވާނެ ކަމަށް މިހާތަނަށް އިއުލާނުކުރި ހަމަ އެކަނި ޕާޓީ އަކީ އެމްޑީޕީ އެވެ. އެމްޑީޕީ ޕްރައިމެރީ އޮތީ މިމަހުގެ 18 ވަނަ ދުވަހު އެވެ.