10 Jan 2019, 16:39
ގައުމީ އިނާމާބެހޭ ކޮމެޓީއަށާއި ހާއްސަ އިނާމާބެހޭ ކޮމެޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭފުޅުން އައްޔަން އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަނަކަށް ހަމަޖެއްސެވީ މާފަންނު ލޮނުވެލި އަނީސާ އަހްމަދު ކަމަށެވެ. ކޮމިޓީއަށް ދެން އައްޔަންކުރެއްވި ބޭފުޅުންނަކީ މަހުމާވިލާ އިބްރާހިމް އިސްމާއިލާއި ޅ. ކުރެންދޫ ޒުލްފާ އިބްރާހީމުގެ އިތުރުން ހ. އިރުވައި އާއިޝަތު ނާޒެވެ.
އެ ބޭފުޅުންގެ އިތުރުން ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި މައްޗަންގޮޅި ފިޔަވަނި އަހްމަދު އަލިމަނިކާއި މާފަންނު ކާނިމާގޭ މުހައްމަދު އިކްރާމާއި މާފަންނު މާހިޔާ ރަޙީމާ އާދަމުގެ އިތުރުން މާލޭ ވިލިނގިލީ ކަންދު ހަސަން މަނިކެވެ.
ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާ ބެހޭ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސެވީ މިނިސްޓަރު އޮފް ހަޔާ އެޑިޔުކޭޝަން ޑޮކްޓަރު އިބްރާހީމް ހަސަނެވެ.
ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި އެހެން ބޭފުޅުންނަކީ މައްޗަންގޮޅި މާނިކަ ޑޮކްޓަރު އަހްމަދު އަލިމަނިކާއި މާފަންނު ތާނގީދޮށުގޭ މަރްޔަމް ނޫރައްދީނު އަދި މާފަންނު ހިޔަލީ ގުލްޝަން މަރްޔަމް ޝިފްޒާނެވެ.
ހާއްސަ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ މާފަންނު ދާޝިން ޑޮކްޓަރު އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި މާލެ ވިލިނގިލީ އަކީލާ ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފުގެ އިތުރުން މައްޗަންގޮޅީ ވިލާރޮދި އާއިޝަތު ޝާހީނެވެ.