10 Jan 2019, 16:36
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒްހޮންގް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ޗައިނާ ސަފީރާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި ސަރުކާރުން ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި ޗައިނާއިން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
ރައިސް ޞާލިހާއި ސަފީރު ލިޒްހޮންގް ވަނީ ދެގައުމުގެ ދެމެދުގައި ވެފައިވާ ވިޔަފާރި އެއްބަސްވުންތަކަށް ރިއާޔަތްކޮށް ވެސް ވާހަކަ ދައްކަވާފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ވާހަކައަށްވެސް އަލިއަޅުއްވާލާފައިވެއެވެ.
ވާހަކަ ނިންމަވާލަމުން ސަފީރު ލިޒްހޮންގ ވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ހެޔޮ އެދުންތައް ރައްދުކުރައްވާފައެވެ. އަދި ރައީސް ސޯލިހު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ފައިދާކުރަނިވި އަދި ދެމެހެއްޓެނިވި ގުޅުމެއް ބާއްވާނެ ކަން ދެ ފަހަރަށް ޔަގީން ކޮށްދެއްވާފައެވެ.
ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި ދެގައުމުގެ ދެމެދުގައި 2015 ވަނަ އަހަރު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފާއިތުވެދިޔަ މަހު ޗައިނާއަށް އިހްތިރާމުގެ ޒިޔާރަތެއް ވެސް ވަނީ ކުރައްވާފައެވެ.