ބުޅާ ނުމެރުމަށް ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ވެސް ގޮވާލައްވައިފިއެވެ.

ޝަހީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުޅާ މެރުމަށް ވުރެ އެންމެ ރަނގަޅީ އަޅުގަނޑުމެން ބުޅަލާ އެކީ ދިރިއުޅުން ކަމަށެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި ބަޔަކު މީހުން ބުޅާ މަރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަަމުންދާ ކަމަށް ރޭ ފުލުހުން ވަނީ ބުނެފައެވެ.

ރޭ ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާތީ އެކަން ހުއްޓުވުމަށް އެދި އާންމުންގެ ބަޔަކު ފުލުހުންނަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ.

އެހެން ކަމުން ބުޅާ މަރާ މައްސަލަ ސީރިއަސް މައްސައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުންގެ ޓްވީޓުގައި ވަނީ ބުނެފަ އެވެ.

ޖަނަވާރުންނަށް އަނިޔާކޮށް މެރުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެ އެވެ.

ބުޅަލަށް އަނިޔާކޮށް މަރަމުންދާ މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު މީސް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.