10 Jan 2019, 16:08
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިމިންދެން އައްޑޫ ސިޓީގައި މަޖިލީސް އިންތިހާބު ކުރިއަށް ނުގެންދަން ވަގުތީ އަމުރަކަށް ހައިކޯޓުގައި އެދިއްޖެ އެވެ.
އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އަދި މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި ބަންޑާރަ ނައިބު އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ވަކީލު މަރިޔަމް ޝުނާނާ އެވެ.
އައްޑޫ ސިޓީގެ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ހުށަހެޅި އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށެވެ. އަދި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށާއި އެ މައްސަލަ ނިމެންދެން އައްޑޫ ސިޓީގައި އިންތިހާބު ބޭއްވުން މަޑުޖައްސާލުމަށް އެ މައްސަލައިގައި އެދިފައިވެ އެވެ.
މަރަދޫފޭދޫ ވަކި ދާއިރާއަކަށް ހަދައިދިނުމަށް އެ އަވަށުގެ ރައްޔިތުން މީގެކުރިން އިލެކްޝަން ކޮމިޝަނުގައި އެދިފައިވީ ނަމަވެސް، އިލެކްޝަނުން ނިންމީ ކުރީން އޮތް ގޮތަށް ބާއްވާށެވެ. އެކަމާ ގުޅިގެން ކޮމިޝަނުން އެ އަވަށުގެ ރައްޔިތުންނާ އެކި ފަހަރު މަތިން ބައްދަލު ވެސް ކޮށްފައިވެ އެވެ.
މަޖިލިސްގެ އިންތިޚާބުގައި ދާއިރާތައް ބެހިގެންވާ ގޮތް މިފަހަރު އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު، ދާއިރާތައް އިތުރުވީ ހަމައެކަނި މާލޭގަ އެވެ. އިތުރު ކުރި ދާއިރާތަކަކީ ހުޅުމާލެ ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާ އެވެ.