ކުރީގެ ނާއިބު ރައީސް އަހުމަދު އަބްދުލް ގަފޫރު ގޭ ބަންދުގައި ހުއްޓައި އަނބުރާ ޖަލަށް ބަދަލުކޮށްފައި ވަނީ " ގޭ ބަންދުކުރާ ގައިދީއާއި ގައިދީއާ ހަވާލުވާ ފަރާތުގެ" އިގުރާރާ ހިލާފުވެފައިވާތީ ކަމަށް މޯލްޑިވިސް ކަރެކްޝަނަލްސް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ބުނީ ގެއަށް ބަދަލުވާ ހާލަތުގައި އާންމުކޮށް ގައިދީއާއި ގައިދީއާ ހަވާލުވާ ފަރާތުން ވަކި ކަންތައްތަކަަކަށް އެއްބަސްވެ އިގުރާރުވާ ކަމަށެވެ. އަދި އެ ގަރާރާ ހިލާފުވާ ހާލަތުގައި ގައިދީން އަނބުރާ ޖަލަށް ބަދަލުކުރުމަކީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

އަދި އަދީބު ޖަލުގައި ފަރުވާ ނުދެވޭ ފަދަ ސިއްހީ އިތުރުމައުލޫމާތެއް ފާހަގަވެފައި ނުވާ ކަމަށާއި އަދި އޭނާ ޖަލަށް ބަދަލުކުރީ މިހާރު އަމަލުކުރަމުންދާ މެޑިކަލް ގަވައިދުގެ ދަށުން އޭނާގެ ބަލިހާލަށް ރިއާޔަތްކޮށް އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމްކުރުމަށްފަހުގައި ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

ޓެރަރިޒަމާއި ޚިޔާނާތާ އެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބު ގޭބަންދަށް ބަދަލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އަދި އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.

އަދީބު އަނބުރާ ޖަލަށް ބަދަލުކޮށްފައި ވަނީ ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝްން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ފަހުން ވަނީ ބުނެފައެވެ.

ގޭބަންދުގައި ހުންނެވިއިރު އަދީބު ވަނީ އަލަށް އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީއަށް ސޮއި ކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ވެސް އަދީބު ވަނީ އައްޔަން ކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެއީ ބާތިލު ނިންމުމެއް ކަމަށެވެ. ސަބަބަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި ހުރުން ފިޔަވައި، ޕާޓީގެ އެއްވެސް މަގާމަށް ނާދެވޭނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އަދީބު ޖަލަށް ބަދަލު ކުރިތާ ތިން ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެމްޖެންސީގައި މާލެ ގެނައިސް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.