ގައުމުތަކަށް ސަފީރުން ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިރު ވަނަވަރާއި ތައުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތައް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައި ނުވާ ކަމަށާއި އެ ބޭފުޅުންގެ ތައުލީމީ ވަނަވަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުފުނުވާހާ ހިނދަކު އެ ބޭފުޅުންނަށް ރުހުން ނުދޭނެ ކަމަށް ގައުމީ ސަލާމަތުގެ ކޮމެޓީ އިން މިއަދު ބުނެފި އެވެ.

ފަސް ބޭފުޅަކު ސަފީރު ކަމަށް ކަނޑައަޅައި، އެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ނަޝީދު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރާ ގައުމީ ސަލާމަތުގެ ކޮމެޓީގައި މަޝްވަރާ ކުރެއްވުމަށް މެންބަރުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅުއްވައިފަ އެވެ.

ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ ސަފީރުނަށް ރުހުން ދިނުމަށް މަޖިލީހަށް ހުށަހަޅާއިރު، އެ ބޭފުޅުންގެ ތައުލީމީ ވަނަވަރު މަޖިލީހަށް ސަރުކާރުން ހުށަނާޅާ ކަމަށެވެ. އަދި ސަފީރު ކަމުގެ މަގާމަށް އަންނަ ބޭފުޅެއްގެ ތައުލީމީ ވަނަވަރަށް ބަލާލުމެއް ނެތި ކޮމެޓީއަކުން އެ ބޭފުޅަކަށް ރުހުން ދިނުމަށް ނުނިންމަވާނެ ކަމަށް ސަރުކާރު ހިންގާ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ.

ކޮމެޓީން މިއަދު ނިންމާފައި ވަނީ ސަފީރު ކަމަށް ހުށަހަޅުއްވާފައިވާ ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ވަނަވަރު އަންނަ ހޯމަ ދުވަހުގެ ކުރިން މަޖިލީހަށް ފޮނުވުމަށް އެދި ރައީސް އޮފީހުގައި ދަންނަވަން ނިންމައިފަ އެވެ. އަދި އެ ބޭފުޅުންގެ ވަނަވަރު ހުށަނާޅައިފި ނަމަ ރުހުން ދެވެން ނެތް ކަމަށް ކޮމެޓީން ނިންމާނެ ކަމަށް ބައެއް މެންބަރުން ވަނީ އެއްބަސްވެފަ އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަނަންވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު ވިދާޅުވީ ސަފީރުންގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ހުށަހަޅާފައިވާ ނަންތަކުގެ ތެރޭގައި އެހެން ގައުމުތަކުގެ ސަފީރުކަންކޮށްފައިވާ ދެ ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ސަފީރު ކަމަށް ރުހުން ލިބިފައިވާ ބޭފުޅުން ކަމަށް ވާތީ މިފަހަރު ވެސް އެ ބޭފުޅުންނަށް ރުހުންދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގު ވިދާޅުވީ އެ ބޭފުޅުންނަށް ދެވަނަ ފަހަރަށް ރުހުން ދޭން ނިންމާއިރު، ކޮމެޓީން ކަންތައްތަކެއް ބަލަން ޖެހޭނެ ކަމަށެވެ. އަދި "އިރުއިރުކޮޅާ" ސަފީރުން އެއްގައުމުން އަނެއް ގައުމަށް ބަދަލުވާ ސަބަބު ސަރުކާރުން ސާފުކޮށްދޭންޖެހޭނެ ކަމަށް ތާރިގު ވިދާޅުވި އެވެ. އަދި ސަފީރުން އިރުއިރުކޮޅާ ބަދަލު ކުރާ މައްސަލަ ސާފުކޮށްދިނުމަށް ފޮރިން މިނިސްޓްރީއަށް ސިޓީ އެއް ހުށަހެޅުމަށް އޭނާ އެދިވަޑައިވަޑައިގެންނެވި އެވެ.

ތާރިގުގެ ހުށަހެޅުމަށް މެންބަރުން ތާއިދު ކުރެއްވުމުން މުގައްރިރު އަލީ ވަހީދު ނިންމެވީ ސަފީރުން ބަދަލު ކުރާ މައްސަލާގައި ފޮރިން މިނިސްޓްރީގެ ލަފާ ހޯއްދެވުމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ކުރިން ފޮރިން މިނިސްޓްރީން އެކަން އެންގެވުމަށް ކޮމެޓީން ނިންމެވި އެވެ.

ސަފީރުންގެ ގޮތުގައި ފަސް ބޭފުޅަކު ކަނޑައަޅައި، އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުން ރުހުން ނުލިބުމުން ޑިފެންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވި އަމީން ފައިސަލްގެ ނަން ވެސް ހިމެނެ އެވެ. އޭނާ އިންޑިއާގެ ސަފީރަކަށް ކަނޑައެޅުމަށް ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ. އަދި ބަންގްލަދޭޝްގައި ހުންނަވާ ސަފީރު އަހުމަދު ޒަރީރު އެމެރިކާގެ ސަފީރު ކަމަށް ހަމަޖެއްދެވުމަށާއި ސިންގަޕޫރުގައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް ބަންގްލަދޭޝްގެ ސަފީރު ކަމަށް، އަދި ސިންގަޕޫރުގައި ހުންނަވާ ސަފީރުގެ ނާއިބު އިބްރާހިމް ދީދީ (މޮޑީ)ސިންގަޕޫރުގެ ސަފީރު ކަމަށް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވެ އެވެ. އަދި ޔޫއޭއީގެ ސަފީރު ކަމަށް ށ. މާއުނގޫދޫ ކަރަންކާގޭ އަހުމަދު ރަޝީދު ހަމައްޖެސެވުމަށް ވެސް ރައީސް ނަޝީދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.