10 Jan 2019, 15:40
މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަންތައް ހާމަނުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.
އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިބްރާހީމް މުހައްމަދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެގޮތަށް މަޝްވަރާކުރަމުންދަނީ އެގޮތަށް ނަން އާންމުކުރުމުން ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވަމުންދާތީ ކަމަށެވެ.
ފާޑު ކިޔާ މީހުން ބުނީ ރާއްޖޭގައި ބޮޑެތި ކުށްތައްކުރާ މީހުންގެ ނަންތައް އާންމުނުކޮށް އެންމެ އާދައިގެ މީހާ ކުރާ ކުށަކާ ގުޅިގެން އޭނާގެ ނަން އާންމުކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.
ކުނި އަޅާ މީހުންގެ ނަންތައް އީޕީއޭއިން އާންމުކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ، އަދި މިހާތަނަށް ކުނިއަޅައިގެން ތިން މީހެއްގެ ނަން ވަނީ އާންމުކޮށްފައެވެ.
އީޕީއޭއިން ބުނީ ކުނި އަޅާމީހުންގެ ނަން އާންމުނުކުރަން ނިންމައިފިނަމަ ތިމާވެށީގެ އެހެނިހެން މައްސަލަތަކުގައި ޖޫރިމަނާކުރާ މީހުންގެ ނަންތައްވެސް އާންމު ނުކުރާނެ ކަމަށެވެ.
މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާންމުކުރުމުގެ ބާރު އީޕީއޭއަށް އޮވެއެވެ. ގާނޫނުގައިވާ ގޮތުން އެ ފަދަ ކުށްކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ނަގާނީ 300ރ. އެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭއިރު، އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭ އަށް ވަނީ ދީފައެވެ.