ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތީގެ ތެރެއިން ޑިއުޓީ ނުނަގާ ތަކެތި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ކަނޑައަޅައި އާންމުކުރި އިރު އެ ލިސްޓުގައި 158 އައިޓަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި އެކި ބާވަތުގެ ކެމިކަލާއި އެފަދަ އެހެނިހެން ތަކެތި ހިމެނެ އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ބުނީ އެފަދަ ލިސްޓެއް ގާއިމުކުރުމުގެ މަގްސަދަކީ ސީދާ ދަނޑުވެރިކަމަށް ގެންނަ ތަކެތި ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ދަނޑުވެރިކަމަކީ ފުދުންތެރި ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުން ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.