10 Jan 2019, 15:38
މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހު ހަތެއްގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.
މަޖިލީހުން ބުނީ އެ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ. އަދި ބުނީ އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަމުން ދާ ކަމަށެވެ.
އެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ރިޔާސީ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ މަހު ފުރަތަމަ ޖަލްސާ ބާއްވާއިރު، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި މެމްބަރުންގެ ދަައުރު މި އަހަރު ހަމަވާނެއެވެ. އަދި އާ ދައުރަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އޭޕްރީލް މަހު ހައެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެން ހޮވާ މަޖިލީހެއްގައި ޖުމްލަ 87 ދާއިރާ މަޖިލީހުގައި ތަމްސީލު ކުރާނެ އެވެ. މިހާތަނަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވަނީ އެމްޑީޕީންނެވެ. އަދި ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް އިއުލާނެއް ނުކުރެ އެވެ. އަދި އަދާލަތުން ވަނީ 13 ދާއިރާއަކަށް ވާދަކުރަން ނިންމައިފައެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އެމްއާރުއެމްއިން ވަނީ މައުމޫނުގެ ތާއީދުގައި މަޖިލީހަށް ވާދަ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.