އިސްލާމް އާބާދު (ސެޕްޓެމްބަރ 4) : ޕާކިސްތާނުގެ ކުވީތާއިން ފުރައިގެން ދަލްބިންދިން ނަމަކަށްކިޔާ ރަށަކަށް ދަތުރުކުރި ބަހަކަށް ބަޔަކު ބަޑިން ޙަމަލާދީ 13 މީހަކު މަރާލައި 8 މީހަކު ޒަޚަމްކޮށްލައިފިއެވެ.

ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުން ބުނިގޮތުގައި މިބަހަކީ ޕާކިސްތާނުގައި ބައިމަދު ޝިޔަޢީ މަޛްހަބްގެ ބަޔަކު، އީރާނާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ދަލްބިންދިން ނަމަކަށްކިޔާ ރަށަށް ދިޔުމަށް ދަތުރުކުރި ބަހެކެވެ. މިބަހަށް ޙަމަލާދިން ކަމަށް ބެލެވެނީ ސުންނީންގެ ހަރުކަށި ޖަމާއަތަކުން ކަމަށާއި ނަމަވެސް މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައިނުވާ ކަމަށް އަމްނާބެހޭ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

ހަތިޔާރުއަޅައިގެންތިބި މީހުން މިބަސް ހުއްޓުވުމަށްފަހު ހަތިޔާރާއެކު ބަހަށް އަރައި އޭގައިތިބި ފަސިންޖަރުންގެ ބޮލަށް ބަޑިޖެހުމުން 13 މީހަކު މަރުވިއިރު ޒަޚަމްވި 8 މީހުންގެ ހަށިގަނޑުގެ އެހެންތަންތަނަށް ވަޒަން އަރާފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުވެސް ސުންނީންގެ ހަރުކަށި ބަޔަކު، ބައިމަދު ޝިޔަޢީންގެ ބަޔަކު ދަތުރުކުރި މިފަދަ ބަހެއް ހުއްޓުވައި އެއިން ދަތުރުކުރި ޝިޔަޢީންގެ 20 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު އެމީހުންގެ ހަށިތައް އުކާލާފައިވެއެވެ. ޕާކިސްތާނުގައި ޝިޔަޢީންގެ މިސްކިތްތައް އެންދުމަކީވެސް ދީނީގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ޚިޔާލުގެ ސުންނީ ޖަމާއަތްތަކުން ކުރަމުން ގެންދާ ކަމެކެވެ. ސުންނީ ހަރުކަށި ޖަމާއަތްތަކުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ޕާކިސްތާނުގައި މަޛްހަބީ ތަޅާފޮޅުންތަކަށާއި ލޭއޮހޮރުވުމަށް މަގުފަހިވަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. (އަލްޖަޒީރާ)