އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސައިކަލުގައި ބުރިޖު ހުރަސް ކުރެވޭނީ ހެލްމެޓު އަޅައިގެން ކަމަށް ޓްރާންސްޕޯޓްރީ އިން ކަނޑައަޅައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާޗު މަހުގެ ކުރީން ވެސް ސައިކަލުގައި ބުރިޖު ހުރަސުރާ އިރު ހެލްމެޓް އަޅައިގެން ދުއްވުމަކީ އެދޭ ކަމެއް ކަމަށާއި އެކަމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާޗު 10ގެ ފަހުން ބުރިޖު ހުރަސްކުރާ އިރު އަމަލު ކުރާނެ ގަވާއިދެއް ވަރަށް އަވަހަށް އެކުލަވާލައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ފަހުން ހެލްމެޓު ނާޅާ ބުރިޖު ހުރަސް ކުރާ ނަމަ ޓްރެފިކް ޕޮލިހުން ނޫނީ ކަމާ ބެހޭ ފަރާތްތަކުން އެކަން ބަލަމުން ގެންދަވާނެ ކަމަށާއި އަދި ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

ބުރިޖުމަތީން ސައިކަލު ދުއްވާ އިރު ހެލްމެޓް އެޅުމަކީ ފަރުދީ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު ރަފީއު ވިދާޅުވީ ބްރިޖެކޭ އެއްފަދައިން މާލޭ ރިންގް ރޯޑުގައި ސައިކަލް ދުއްވާ އިރު ހެލްމެޓު ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރާ ނަމަ ގާނޫނާއި ގަވާއިދުތަކެއްގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަފީއު ވިދާޅުވީ ބުރިޖު މަތީން ދަތުރުކުރާ އިރު ހެލްމެޓު ބޭނުން ކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް އަންނަ މަހުގެ ދެ ވަނަ ހަފުތާ ތެރޭގައި ހޭލުންތެރި ކުރުމުގެ އެެއް ހަފުތާގެ ކެމްޕޭނެއް ފައްޓަވާނެ ކަމަށެވެ. އަދި އެ ކެމްޕޭނުގައި ބޭނުންކުރާ ހެލްމެޓް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ބުރިޖު މަތީގައި ދުއްވޭނީ ގަޑިއަކު 25 ކިލޯ މީޓަރާއި 40 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ.

އެ ސްޕީޑްގައި ބުރިޖު މަތީގައި ދުއްވާ އިރު އެންމެ ރައްކާތެރި ގޮތަކީ ވެސް ހެލްމެޓް އަަޅައިގެން ދުއްވުން ކަމަށް ޓްރާންސްޕޯޓް އޮޓޯރިޓީ އާއި ޕޮލިސް ސާވިސް އިން ބުނެ އެވެ.