10 Jan 2019, 12:23
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު ގިނަ ސްކޫލުތަކެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 213 ސްކޫލުގެ ތެރެއިން 134 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވަދޭނެ ކަމަށެވެ.
"134 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވަދޭނެ. ބާކީ ސްކޫލުތައް ވެސް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް މިކުރަނީ،"
ސްކޫލްތައް އެއް ދަންފަޅި އަށް ބަދަލުކުރަން ސްކޫލުތަކުގެ އޮޑިޓް ހެދުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.
ޑރ. އާއިޝަތު ޢަލީ ކުރިން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއް ދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަށްޓަކައި، ސްކޫލުތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް އޮޑިޓު ހަދަން ފަށާފައިވާ ކަމަށާއި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ އޮޑިޓު ނިންމާނެ ކަމަށެވެ.