10 Jan 2019, 12:19
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމް) އިން 2019 ވަނަ އަހަރުގެ ޖަނަވަރީމަހު ފެށޭ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހާ ހަމަޔަށް އިތުރުކޮށްފިއެވެ.
އެގޮތުން މިއަހަރުގެ ޖަނަވަރީމަހު ފެށޭ ސެމިސްޓަރގައ،ި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް އާ ހަމަޔަށް 54 ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އައިޔޫއެމްއިން ވަނީ ހުޅުވާލާފައެވެ.
އައިޔޫއެމްގައި ކިޔެވުމަށް ހުޅުވާލެވިފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ އިސްލާމިކް ފައިނޭންސް، ޝަރީއާ އެންޑް ލޯ، އެޑިޔުކޭޝަން، ލީޑަރޝިޕް، ޤުރުއާން، އިސްލާމިކް ސްޓަޑީޒް، އަރަބިކް ލެންގުއޭޖް ދާއިރާތަކުގެ ކޯސްތަކެވެ.
މި ގޮތުން ރާއްޖޭގެ ސްކޫލުތަކަށް އަލަށް ތައާރަފުވެފައިވާ އަރަބި މާއްދާ ކިޔަވައިދިނުމަށް ޢަރަބި ޓީޗަރުން ތަމްރީނު ކުރާ ޢަރަބި ޓީޗިންގެ ޑިޕްލޮމާ ކޯހާއި ޢަރަބި ޓީޗިންގ ޑިގްރީ ކޯސް ވެސް ފާހަގަ ކޮށްލެވެއެވެ.
ހުޅުވާލެވިފައިވާ ކޯސްތަކަށް ކުރުމަތިލުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު ޔުނިވާރސިޓީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ޔުނިވާރސިޓީއަށް ގުޅުއްވައިގެންނާއިއައިޔޫއެމްގެ ކޯސްތަކާ ބެހޭ ސަފްހާއިން ހޯދޭނެ ކަމަށް އައިޔޫއެމްއިން މައުލޫމާތުދެއެވެ.
އައިޔޫއެމްއަކީ، އިސްލާމީ ތައުލީމު ދިވެހިރާއްޖޭގައި ފަސޭހަކަމާއެކު އުނގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ އަޒުމުގައި 2004 ވަނަ އަހަރު ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާގެ ނަމުގައި އިފްތިތާހުކުރެވުނު މުއައްސަސާއެކެވެ. އެ މުއައްސަސާ އުފެދުނީއްސުރެ ދިވެހި ގިނަ ދަރިވަރުންތަކެއް ދަނީ އެތަނުގައި ތައުލީމު ހާސިލުކޮށް ދުނިޔޭގެ ފެންވަރުގެ ސަނަދުތައް ހާސިލުކުރަމުންނެވެ.
ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ޔުނިވާރސިޓީގެ ލަގަބު ލިބިފައިވާ އައިޔޫއެމް އަކީ ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުންނާއި، އިމާމުންނާއި، ޤުރުއާން ޓީޗަރުންނާއި އިސްލާމް ޓީޗަރުން އުފައްދާފައިވާ ޔުނިވާރސިޓީއެކެވެ. އަދި ހަމައެހެންމެ ރާއްޖޭގައި ޝަރީއާ އެންޑް ލޯ ފުރިހަމަކުރަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުން އިހުތިޔާރު ކުރާ އެއް މުއައްސަސާއަކީ ވެސް އައިޔޫއެމް އެވެ. ކުރިމަތިލުމަށް ހުޅުވާލާފައިވާ ކޯސްތަކުގެ އިތުރުން މިވަގުތު 2 ޕީއެޗްޑީ ޕްރޮގްރާމާއި 11 މާސްޓާރސް ޕްރޮގްރާމުވެސް އައިޔޫއެމް އިން ހިންގަމުންދެއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީއަަކީ މިވަގުތުވެސް އެކި ދާއިރާތަކުން ކޯސްތައް ފުރިހަމަކުރަމުންދާ އެތަކެއް ދަރިވަރުންތަކެއް ތިބި އިތުބާރު ހިފޭ މުއައްސަސާއެކެވެ.