އެމްޒޯންގެ ބާނީ ޖެފް ބޭޒޯސް އާއި އަންހެނުން މެކެންޒީ ކައިވެނި ކުރިތާ 25 އަހަރު ފަހުން ވަރިވާން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

ޓުވިޓާ މެދުވެރިކޮށް ބޭޒޯސް އާއި އަންހެނުން ހިއްސާ ކުރި ބަޔާނެއްގައިވާ ގޮތުން އެ ދެ މީހުން ވަނީ "ވަރިވެ، އެކުވެރިންގެ ގޮތުގައި ކުރިއަށްދާން" ނިންމާފަ އެވެ.

ވާހަކަ ލިޔުންތެރިއެއް ކަމަށްވާ މެކެންޒީ ބޭޒޯސް އާ ޖެފް ބޭޒޯސް ކައިވެނި ކުރީ 1993 ވަނަ އަހަރެވެ. އެ ދެ މީހުންގެ ހަތަރު ކުދިން ތިބެ އެވެ. އެއީ ތިން ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ.

މިދިޔަ އަހަރު އެދެމަފިރިން ވަނީ ޑޭ ވަން ފަންޑުގެ ނަމުގައި ޗެރިޓީ ޕްރޮޖެކްޓެއް ފަށާފަ އެވެ. އެއީ ގެދޮރު ނެތް އާއިލާތަކަށް އެހީވުމަށާއި ފަގީރު ސަރަހައްދުތަކުގައި ޕްރީ ސްކޫލުތައް އެޅުމަށް ހެދި ޗެރިޓީއެކެވެ.

ބްލޫމްބާގް ބިލިޔަނާ އިންޑެކްސްގައިވާ ގޮތުން ބޭޒޯސް އަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެވެ. އެގޮތުން އޭނާގެ މިލްކިއްޔާތުގެ އަގު 137 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެއީ މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސްގެ މިލްކިއްޔާތާ އަޅާ ބަލާއިރު 45 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.