ވިލިމާލޭގައި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް (ވެޓް ކްލިނިކެއް) މިއަދު ފިޝަރީޒް މިނިސްޓްރީން ހުޅުވައިފި އެވެ.

މިއަދު ވިލިމާލޭގައި ހުޅުވި ވެޓް ކްލިނިކު ހުންނާނީ ވިލިމާލޭގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ އިމާރާތުގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ދަށުން ހުޅުވާ ކްލިނިކުން ހިދުމަތްދޭނީ އެޕޮއިންޓްމަންޓް ދޫކޮއްގެން ކަމަށެވެ. އަދި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އަށް ކަމަށެވެ.

އެ ކްލިނިކުން ހިދުމަތް ލިބޭނީ އެޕޮއިންޓްމެންޓު ހަމަޖައްސައިގެންނެވެ. އެ ކްލިނިކުން، އާންމު ބަލިތަކާށާއި ކުއްލި ހާލަތަށް ނަގާނީ 50 ރުފިޔާ އެވެ. ވެކްސިން ޖަހައިދިނުމާއި، މައިކްރޯޗިޕް ހަރުކުރުމާއި، ނިއުޓާކޮށްދިނުމާއި އެހެނިހެން ކުދި ސާޖަރީ ހަދައިދޭނީ 100 ރުފިޔާ އަށެވެ.

ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި، އެތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި، އެތަކެތީގެ ދުޅަހެޔޮކަމާ (ވެލްފެއާ) ގުޅުންހުރި މަސައްކަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ ފިޝަރީޒް މިނިސްޓްރީ އެވެ.

ވެޓް ކްލިނިކު ހުޅުވާފައި މިވަނީ، މާލޭގެ ބައެއް ސަރަހައްދުތަކުގައި ބަޔަކު މީހުން ގަސްދުގައި ބުޅާ މަރާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ބުޅާ މަރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.