ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށަން ތައްޔާރު ކަމަށާއި ހުރިހާ ސްކޫލުތަކަށް ވެސް ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާދިއްތަ ދުވަހު ސްކޫލުތަކުގެ ޓީޗަރުންނަށް ހާއްސަ ކުރެވިފައިވާ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.

"ބޭރުގެ ބައެއް ޓީޗަރުން އެބައުޅޭ އަދި ރާއްޖެ ނައިސް. ރާއްޖެ އަންނަން ފަށާފައި އެމީހުން ވަނީ. އާދިއްތަ ދުވަހު ކިޔަވަން ފަށަން ތައްޔާރު،"

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އަލަށް ކިޔަވަން ފަށާ ހުރަވީ ސްކޫލުގައި އެއްދަން ފަޅިއަކަށް ކިޔަވަދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ސްކޫލުގެ ކިޔެވުން ވެސް އަންނަ އާދިއްތަ ދުވަހު ފަށަން ތައްޔާރު ކަމަށެވެ.

ދަރިވަރުންނަށް ދޫކުރަން ޖެހޭ ފޮތްތައް ވެސް ދޫކޮށް ނިންމާލެވޭނެ ކަމަށާއި ފޮތްތަށް ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޓެކްސްޓް ފޮތްތައް ދޫކުރަން ކުރިން ވެސް ހަމަޖައްސާފައި ވަނީ ޖެނުއަރީ 13ގައި. އެކްޓިވިޓީ ޔުނިފޯމް ލާންޖެހޭ ދުވަހަށް ލިބޭނެ. ކުރީގެ އެކްޓިވިޓީ ޔުނިފޯމް ވެސް ލެވޭނެ،"

މިނިސްޓަރު އިތުރަށް ވިދާޅުވީ 25 ސުކޫލުގެ ދަރިވަރުންނަށް ޕައިލެޓް ޕްރޮގްރާމުގެ ދަށުން ހެނދުނު ނާސްތާ ދޭނެ ކަމަށެވެ.